11 މާޗް 2017 - 19:02

އޮޓާވާ (މާޗް 11) - ޖިންސީ ޝިކާރައަކަށްވި މީހަކު ކޯޓަށް ހުށަހެޅި މައްސަލައެއްގެ އަޑު އެހުމުގައި އޭނާގެ "ފައި ކައިރިކޮށްގެން" އިނުމަށް ބުނި ފަނޑިޔާރަށް ކުރިމަތިވި ޕްރެޝަރުތަކާ ގުޅިގެން އެންމެ ފަހުން އިސްތިއުފާ ދީފި އެވެ.
ފެޑެރަލް ކޯޓުގެ ފަނޑިޔާރު ރޮބިން ކޭމްޕް އިސްތިއުފާ ދީފައި ވަނީ އޭނާގެ މައްސަލަ ކެނެޑާގެ ޖުޑީޝަލް ކައުންސިލުން ބެލުމަށް ފަހު ފަނޑިޔާރު މަގާމުން ދުރުކުރަން އަންގާފައި ވަނިކޮށެވެ. ކައުންސިލުގެ ނިންމުމުގައި ބުނެފައި ވަނީ ކޯޓުގެ ފަނޑިޔާރުގެ ބަސްމަގު ހުރި ގޮތުން ޝަރުއީ ނިޒާމާ މެދު އާއްމުންގެ އިތުބާރު ގެއްލިދާނެ ކަމަށެވެ. ކައުންސިލުން ބުނެފައި ވަނީ އެ މައްސަލައިގެ އަޑު އެހުމުގައި ފަނޑިޔާރު އަމަލުކޮށްފައި ވަނީ ޝަރުއީ ދާއިރާގެ ވަކި ފަރާތަކަށް ނުޖެހުމާއި މިނިވަންކަމަށް ބުރޫ އަރާ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން ޝަރުއީ ނިޒާމަށް އޮތް އިތުބާރު ކުޑަވެ އަދި ޝަރުއީ ކޯޓެއްގައި އިނުމަށް ފަނޑިޔާރުގެ ގާބިލްކަން ފުރިހަމަ ނުވާ ކަމަށެވެ.
މަައްސަލަ ހުށަހެޅި ފަރާތުގެ ހައްގަށް އުނިކަން ލިބި އޭނާ އަށް އިހްތިރާމް ކުޑަވާ ގޮތަށް ވެސް ފަނޑިޔާރު ވާހަކަ ދައްކާފައިވާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.
ފެޑެރަލް ޖަސްޓިސް މިނިސްޓަރު ޖޯޑީ ވިލްސަން ވިދާޅުވީ ފަނޑިޔާރާ މެދު އިންސާފުން ކަންތައް ކުރެވިފައިވާ ކަމަށް ގަބޫލް ކުރާ ކަމަށާއި އޭނާގެ އިސްތިއުފާ ގަބޫލްކޮށްފައިވާ ކަމަށެވެ.
މައްސަލަ ހުށަހެޅި 19 އަހަރުގެ އަންހެން ކުއްޖާ އަށް އިހްތިރާމް ކުޑަވާ ގޮތަށް ފަނޑިޔާރު ވާހަކަ ދެއްކީ 2014 ވަނަ އަހަރު އެވެ. މައްސަލަ ބެލުމަށް ފަހު ފަނޑިޔާރު ކޭމްޕް، 64، ވަނީ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި މީހާ ކުށްވެރި ނުވާ ކަމަށް ސެޕްޓެމްބަރު، 2014 ގައި ހުކުމްކޮށްފަ އެވެ. އަދި އިސްތިއުނާފް ކޯޓަކުން ފަހުން ވަނީ އެ ހުކުމާ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް މައްސަލަ އަލުން ބެލުމަށް ފަހު ޖެނުއަރީ މަހު ވަނީ އަނެއްކާވެސް އެ މީހާ ކުށްވެރި ނުވާ ކަމަށް ނިންމައިފަ އެވެ. ކެނެޑާގެ ޖުޑީޝަލް ކައުންސިލުން ފަނޑިޔާރުގެ މައްސަލަ ބަލަން ފެށީ ނޮވެމްބަރު 2015 ގަ އެވެ. ފަނޑިޔާރު ވަނީ ކޯޓުގައި އޭނާ ކުރި ކޮމެންޓްތަކަށް މައާފަށް އެދިފަ އެވެ.