ދަރަނބޫދޫ އާއި އިނގުރައިދޫ ޒޯން ބުރު ފެށީ ގަދަކޮށް
ދަރަނބޫދޫ އާއި އިނގުރައިދޫ ޒޯން ބުރު ފެށީ ގަދަކޮށް

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ފ. އަތޮޅުގެ ޗެމްޕިއަން ދަރަބޫދޫ އާއި ރ. އަތޮޅުގެ ޗެމްޕިއަން ޒޯން ބުރުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު ޒޯން 5 ގެ ދަރަނބޫދޫ ވަނީ 3-1 އިން މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރު ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެ ލަނޑު ޖެހި ދަރަނބޫދޫގެ ޒުވާން ކެޕްޓަން މުޒްދާން ހަސަން އެވެ.

މި ޒޯންގައި ދެން ކުޅުނު ދ. ޗެމްޕިއަން ކުޑަހުވަދޫ ވަނީ މ. އަތޮޅު ރަނަރަޕް މުލަކާ ވާދަކޮށް 2-2 އިން އެއްވަރުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލަކުގެ މުހައްމަދު ހުސެއިން އެވެ.

ޒޯން 2 ގައި ވާދަކުރާ ރ. އަތޮޅު ޗެމްޕިއަން އިނގުރައިދޫ ވަނީ އަލީ ހާފިޒް (ހާއްޕެ) ގެ މޮޅު ކުޅުމާ އެކު 5-2 އިން ށ. އަތޮޅުގެ ރަނަރަޕް ކަނޑީތީމު ބަލިކޮށްފަ އެވެ.

މި ޒޯންގައި ދެން ހިމެނޭ ނ. އަތޮޅު ޗެމްޕިއަން މިލަދޫ އާއި ށ. އަތޮޅު ޗެމްޕިއަން މިލަންދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ މިލަދޫގެ ކީޕަރު މުހައްމަދު އިޔާން ހަސަން އެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ޒޯން 4، 5، 6 އަދި 7 ގެ މެޗުތަކެވެ.