02 ފެބުރުއަރީ 2025 - 09:09

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ހއ. އަތޮޅުގެ ޗެމްޕިއަންކަން ވަށަފަރު ހޯދި އިރު ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައިފި އެވެ.
ވަށަފަރުން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި އެންމެ ފަހުގެ ޗެމްޕިއަން ދިއްދޫ ބަލިކޮށްފަ އެވެ. ފުރިހަމަ ވަގުތު ހަމަވި އިރު 2-2 އިން އެއްވަރުވި އިރު ޕެނަލްޓީގައި ވަށަފަރު ކުރި ހޯދީ 5-4 އިންނެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަށަފަރުގެ އިބްރާހިމް ސަނޫން އެވެ. އެންމެ ގިނަ ލަނޑު ޖެހީ އެ ޓީމުގެ އިބްރާހިމް އަތީގު ހަސަން އެވެ.
ހދ. ނައިވާދޫ ތަށި ދިފާއު ކުރީ ރޭގެ ފައިނަލްގައި 3-0 އިން ނޭކުރެންދޫ ބަލިކޮށްފަ އެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ޓޮޕް ސްކޮރާ އަކީ ނައިވާދޫގެ މުހައްމަދު ޝާން އާއި މަކުނުދޫގެ ނުހާދު ފައުޒީ އެވެ.
ފައިނަލް ދެ މެޗަށް ފަހު ރޭ ވަނީ ޒޯން 7 ގެ ތިން މެޗު ކުޅެފަ އެވެ. އެގޮތުން މި ޒޯނުގައި ހިމެނޭ ޏ. ފުވައްމުލަކު ދަނޑިމަގު ޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެފަ އެވެ.
ދަނޑިމަގާއި ގދ. ވާދޫ ބައްދަލުކުރި ގުރޫޕް އޭގެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ. މި ގުރޫޕްގައި ދެން ހިމެނޭ ގއ. ވިލިނގިލީގެ މައްޗަށް ގއ. ދެއްވަދޫ ވަނީ 4-0 އިން ކުރި ހޯދައިފަ އެވެ.
ގުރޫޕް ބީގެ މެޗުގައި ސ. ފޭދޫ ވަނީ 3-1 އިން ގދ. ގައްދޫ ބަލިކޮށްފަ އެވެ.
މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ޒޯން 5ގެ ދެ މެޗާއި ޒޯން 2ގެ ދެ މެޗެވެ.