01 ފެބުރުއަރީ 2025 - 21:40

ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމަށް ހެދި އެއްބަސްވުމުގެ ދަށުން ހަމާސް އިން މިއަދު އިޒްރޭލުގެ ތިން ރަހީނަކު މިނިވަންކުރުމުން އިޒްރޭލުން ފަލަސްތީނުގެ 180 އަށް ވުރެ ގިނަ ގައިދީން މިނިވަންކޮށްފި އެވެ.

މިއީ މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން މީހުން މިނިވަންކުރި ހަތަރު ވަނަ ފަހަރެވެ.

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގެ ރެޑްކްރޮސްއާ އިޒްރޭލުގެ ދެ ރަހީނެއް ކަމަށްވާ އޮފަ ކަލްޑެރޮން އާއި ޔާޑެން ބީބާސް ހަވާލުކުރުމުގެ ކުރިން ހަމާސް އިން ވަނީ އެ ދެ މީހުން ޣައްޒާގެ އަތިރިމަތީގައި ހަދާފައިވާ ސްޓޭޖަކަށް ނެރެ އެންމެންނަށް ދައްކާލައިފަ އެވެ. އެމެރިކާ-އިޒްރޭލު މީހެއް ކަމަށްވާ ކީތު ސީގަލް މިނިވަންކުރީ ޣައްޒާ ސިޓީގެ އުތުރު ބަނދަރުގައި ބޭއްވި މިފަދަ ރަސްމިއްޔާތެއްގަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ފަހުން ވަނީ އެ ތިން މީހުން ވެސް އެނބުރި އިޒްރޭލަށް ގޮސްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އޭގެ ފަހުން ފަލަސްތީނު ގައިދީން މިނިވަންކުރުމާ އެކު ބަސްތަކުގައި ހުޅަނގު އައްސޭރީގެ ރާމަﷲ ސިޓީއަށް ވަނީ ގޮސްފަ އެވެ. އެތަނުން އެތައް ހާސް ބަޔަކު އެ މީހުންނަށް މަރުހަބާ ކިޔައި އުފާ ފާޅުކޮށްފައިވެ އެވެ. ގައިދީން ތިބި ބަސްތަކަށް ވަނީ މަގުތަކުގައި މީހުން ގިނަވެގެން ދަތުރުކުރަން ވެސް ދަތިވެފަ އެވެ.
މިއަދު އިޒްރޭލުން 183 ގައިދީއަކު މިނިވަންކޮށްފައިވާއިރު، މިސްރު މީހަކު ފިޔަވައި އެހެން އެންމެންނަކީ ވެސް ފަލަސްތީނު މީހުންނެވެ.
ހަމާސް އިން 15 މަހަށްވުރެ ގިނަ ދުވަސް ވަންދެން ރަހީނުން ހިފަހައްޓައިގެން ގެންގުޅުމަށް ފަހު މިނިވަންކުރަން ފެށީ އިޒްރޭލާ އެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.
ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންގެ ބަދަލުގައި ހަމާސް ޖަމާއަތާއި އެ ޖަމާއަތުގެ ބައިވެރިއެއް ކަމަށްވާ އިސްލާމިކް ޖިހާދުން މިހާތަނަށް ވަނީ އިޒްރޭލުގެ 18 މީހަކު ރެޑްކްރޮސްގެ ބެލުމުގެ ދަށުން އިޒްރޭލާ ހަވާލުކޮށްފަ އެވެ.
ހަމާސްގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި ދެން ރަހީނުން މިނިވަންކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.