14 ޖޫން 2016 - 09:35

އެޕަލްއޭ ކިޔައިގެން މި ކަހަލަ ވާހަކަތައް އަބަދުވެސް ދެކެވެ އެވެ. އައިފޯނަށް ކޮންމެވެސް ބަދަލެއް ގެންނަން އުޅޭ ވާހަކަ ދޭތެރެ ދޭތެރެއިން އިވެ އެވެ.
ފަހަކަށް އައިސް އެންމެ ގަދަ އަށް ދެކެވުނީ އައިފޯނުގެ ހެޑްފޯން ޖެކަށް ބަދަލުތަކެއް ގެންނަން އުޅޭ ވާހަކަ އެވެ. އައިފޯން 7 ގައި އިންޓެލް ޗިޕެއް ހިމަނަން އުޅޭ ވާހަކަތައް ވެސް މިހާރު އެބަ ދެކެވެ އެވެ.
އައިފޯން 7 އަށް މޯޑެމް ޗިޕް އުފައްދަނީ އިންޓެލުން ކަމަށް ބުނެވެ އެވެ. އެޕަލް ކުންފުނިތެރޭގައި ދެކެވޭ ވާހަކަތައް އެނގޭ މީހަކު ބުނި ގޮތުގައި އައިފޯން 7ގެ ބައެއް މޮޑެލްތަކުގައި އިންޓެލް ޗިޕް ބޭނުންކުރަން އެޕަލުން ވިސްނަ އެވެ. ބައެއް އެހެން މޮޑެލްތަކުގައި، ކުރިއެކޭ އެއް ގޮތަށް، ކުއާކަމް ޗިޕް އެވެ.
އެޕަލުން އިންޓެލް ޗިޕެއް އައިފޯނުގައި ބޭނުންކުރަން ވިސްނަނީ ކީއްވެބާއޭ ހިތަށް އަރަ އެވެ. އިންޓެލް އަކީ މޮބައިލް މާކެޓްގައި އެޕަލުން ބޭނުންވާހާ ކާމިޔާބު ކުންުފުންޏެއް ނޫނެވެ. މޮބައިލް މާކެޓަށް ވަދެގަތުމަށް އިންޓެލުން ކުރާހާ ކަމެއް ދަނީ ބޮއްސުންނެވެ. ކުރިއަރާ ގޮތެއް ނުވެ އެވެ.
އިންޓެލުން އެކި ފަހަރުމަތިން އެކި ކުންފުންޏާ ގުޅިގެން މޮބައިލް ޑިވައިސްތަކަށް ކޮމްޕޯނެންޓްތައް އުފައްދަން ވަނީ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް ބިމުން މައްޗަށް އަރާ ގޮތެއް އަދި ވެސް ނުވެ އެވެ. އެޕަލްއާ އެކު މަސައްކަތް ފަށައިފި ނަމަ މޮޅު ގޮތެއް ވާނެ ކަމަށް ބެލެވީ ކަމަށް ވެދާނެ އެވެ.