01 ފެބުރުއަރީ 2025 - 12:30

އައިޖީއެމްއެޗުގެ ލެބޯޓްރީގެ ހިދުމަތް ފަށާ ގަޑި އަވަސްކޮށްފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނީ ލެބޯޓްރީގެ ހިދުމަތް ދޭ ގަޑިއަށް މާދަމާ އިން ފެށިގެން ބަދަލެއް ގެންނަން މިހާރު ނިންމާފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ލެބޯޓްރީގެ ހިދުމަތް ދެން ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ކުރިން ލެބޯޓްރީގެ ހިދުމަތް ދެނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ބަދަލު ގެނައީ ހުސްބަނޑާ ތިބެ، ލޭ ނަގަން އަންނަ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ފާސްޓިންގައި ބްލަޑް ނަގަން އަންނަ މީހުންނަށް ފަސޭހަ ކުރަން ތިރީސް މިނެޓް ކުރިއަށް އިތުރުކޮށްލީ،" އޮފިޝަލް ވިދާޅުވި އެވެ.
ކިއު ނަންބަރު ދޫކުރާނީ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 9:30 އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ އިމަޖެންސީގައި ހަދަން ޖެހޭ ލެބް ޓެސްޓުތައް ހެދުމުގެ ހިދުމަތް، ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.