01 ފެބުރުއަރީ 2025 - 10:33

ވަޓްސްއެޕް ބޭނުންކުރާ 90 ވަރަކަށް މީހުންނަށް ޓާގެޓްކޮށްގެން އިޒްރޭލުގެ ސަވައިލެންސް ފާމެއް ކަމަށްވާ ޕެރަގަން ސޮލިއުޝަންސް އިން ހިންގި ޖާސޫސްކުރުމުގެ ކެމްޕެއިނެއް ފެއިލްކޮށްލާފައިވާ ކަމަށް ވަޓްސްއެޕުން ބުނެފި އެވެ.
މެޓަ ކުންފުނިން ހިންގާ ވަޓްސްއެޕުން ބުނީ މިކަން ކުރަން ޕެރަގަން އިން މަސައްކަތްކޮށްފައިވަނީ ޖާސޫސްކުރެވޭނެ މަގުތައް ހުޅުވެވޭ ގޮތަށް ހަދާފައިވާ ޕީޑީއެފް ފައިލެއް ގްރޫޕް ޗެޓްތަކަކަށް ފޮނުވައިގެން ކަމަށެވެ. ވަޓްސްއެޕުން ބުނި ގޮތުގައި މި ހަމަލާގެ އަމާޒަކީ ބައެއް ނޫސްވެރިންނާއި ސިވިލް ސޮސައިޓީގެ މީހުންނެވެ.
ވަޓްސްއެޕުން ބުނީ މިކަން ހުއްޓާލުމަށާއި، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާ އެކު ޕެރަގަން އަށް މިހާރު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މި ކެމްޕޭނުގައި ބޭނުންކުރާ އެކްސްޕްލޮއިޓޭޝަން މެތަޑް ކާމިޔާބުކަމާ އެކު ބްލޮކްކޮށްފައިވާ ކަމަށާއި، ކުންފުނީގެ ހިދުމަތުގެ ޝަރުތުތަކާ ހިލާފުވި ޕެރަގަންއާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަޓްސްއެޕުން ބުންޏެވެ.
"މިއީ ސްޕައިވެއާ ކުންފުނިތަކުގެ ގާނޫނާ ހިލާފު އަމަލުތަކަށް ޖަވާބުދާރީކުރުވަން ޖެހޭ ކަމުގެ މިސާލެއް،" ވަޓްސްއެޕްގެ ތަރުޖަމާނު ވިދާޅުވި އެވެ. "ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މުއާމަލާތްތަކުގެ ސިއްރުކަން ހިފެހެއްޓުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެން."
ވަޓްސްއެޕުން ވަނީ މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ދޭން އިންކާރުކޮށްފަ އެވެ. މި ހަމަލާ އަމާޒުކުރީ ކޮން ގައުމެއްގެ ނުވަތަ ކޮން ގައުމުތަކެއްގެ މީހުންނަށް ކަމެއް ވެސް ނުބުންޏެވެ.
ކޮމާޝަލް ސްޕައިވެއާ ފާމްތަކާ މެދު އޮތް ކަންބޮޑުވުން މި ހާދިސާއިން ވަނީ އިތުރުވެފަ އެވެ.
ޕެރަގޮން ސޮލިއުޝަންސް އަކީ މި ފަހުން ސަރުކާރުތަކުގެ ކްލައިންޓުންނަށް ޒަމާނީ ސަވައިލަންސް ޓޫލްސް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ކުންފުނިތަކުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު، ގައުމީ ސަލާމަތުގެ ނަމުގައި ފަހިކުރުވާ ކަމަށެވެ.
މަޝްހޫރު ޕެގަސަސް ސްޕައިވެއާ އުފައްދާ އިޒްރޭލުގެ އެންއެސްއޯ ގުރޫޕުގެ ސޮފްޓްވެއާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިންނާއި އެކްޓިވިސްޓުންނާއި ސަރުކާރުގެ އޮފިޝަލުންނަށް ޖާސޫސްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލާފައިވެ އެވެ.
ވަޓްސްއެޕުން ވަނީ 2021 ވަނަ އަހަރު ވެސް އެންއެސްއޯ ގްރޫޕާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި މިފަދަ ދައުވާއެއްކޮށް ކާމިޔާބުކޮށްފަ އެވެ.
ވަޓްސްއެޕްގެ ތުހުމަތާ ގުޅިގެން ޕެރަގަން އިން ވާހަކައެއް ނުދައްކަ އެވެ. އެ ކުންފުނީގެ ވެބްސައިޓުގައި ބުނާ ގޮތުން އެއީ "ނުރައްކާތަކާ ދެކޮޅަށް" އޮންނަ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން މަސައްކަތްކުރެވޭނެ ޓޫލްތައް އުފައްދާ ކުންފުންޏެކެވެ.