12 މާޗް 2017 - 06:09

އިއްޔެ ރޭ އޮތް ޒީ-ސިނެ އެވޯޑު އިވެންޓުގައި ކެޓުރީނާ ކައިފް ވެސް ޕާފޯމް ކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ކެޓުރީނާގެ މައި ބަދަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެންމެ ފަހު ވަގުތު އޭނާއަށް އެ ޝޯގައި ނެށޭ ގޮތެއް ނުވި އެވެ.
މި އެވޯޑު ޝޯގެ ރިހާސަލްގައި ކެޓުރީނާ ނަށަމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ ކަރަށް ތަދެއް އެރި އެވެ. ނަމަވެސް ތަދު ނުވާ ކަމަށް ހަދައިގެން ޕާފޯމަންސް ކުރިއަށް ގެންދެވޭތޯ ކެޓުރީނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އިރުކޮޅަކަށް ވުރެ އިރުކޮޅެއް ތަދު ބޮޑުވަމުންގޮސް އޭނާއަށް ހުއްޓާލަން މަޖްބޫރުވީ އެވެ. އެންމެ ފަހުން ރިހާސަލް ކެންސަލް ކޮށްލާފައި ކެޓުރީނާ ގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ މައިބަދަޔަށް އަނިޔާ ވެފައިވާ ކަމަށް ޑޮކްޓަރު ބުންޏެވެ.
ކެޓުރީނާގެ ބުރަކައްޓަށް ފުރަތަމަ އަނިޔާވީ "ޖައްގާ ޖާސޫސް"ގެ ޝޫޓިންގަ އެވެ. އަނުރާގު ބާސޫ ޑައިރެކްޓްކުރާ މި ފިލްމުގެ ސެޓުގައި ކެޓުރީނާ ހުއްޓާ ވަރަށް ބަރު އެއްޗެއް ވެއްޓި ކެޓުރީނާގެ ބުރަކަށީގައި ޖެހުނީ އެވެ. އެވަގުތު މާ ބޮޑަށް ތަދުނުވާތީ އެއީ އެހާ ބޮޑު ކަމަކަށް ކެޓުރީނާ ވެސް ނުހަދާ ހުރީ އެވެ.
ނަމަވެސް ކުއްލިއަކަށް ރިހާސަލްގައި ނަށަނިކޮށް ކަރަށް އެރި ތަދަކީ އޭރު ލިބުނު އަނިޔާގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވެއެވެ. މިކަމުގެ ސަބަބުން ކެޓުރީނާއަށް ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެނދުގައި އޮވެ އަރާމުކުރަން ޖެހިފަ އެވެ.
ކުއްލިއަކަށް ކެޓުރީނާއަށް މި ލިބުނު އަނިޔާގެ ސަބަބުން ޕާފޯމް ކުރެވޭ ގޮތް ނުވުމުން އޭނާގެ ބަދަލުގައި މި ޝޯގައި ނަށާފައި ވަނީ ކަރީނާ ކަޕޫރެވެ.