31 ޖެނުއަރީ 2025 - 15:38

މިއީ، ބައްޕަގެ ފަހަރެވެ. ދިރާގުން ދޭ ލޯންޗު ލިބޭނީ ބައްޕައަށެވެ.

އެއީ، ޕްރޮމޯޝަންގައި ދެމަފިރިން ބައިވެރި ކުރި އުމުރުން 12 އަހަރުގެ ހަގު ދަރިފުޅު ގާތު ހުސެއިން ފަޔާޒް، 52، މަޖަލަކަށް ބުނި އެއްޗެކެވެ. ބޭނުމަކީ ދަރިފުޅު ހިތްހަމަޖައްސައިލުމެވެ.

އުފަން ރަށް ގއ. ވިލިނގިލީގައި އުޅެނިކޮށް އޭނާ އަށް ރޭ އައި ކޯލުގައި ރައްޓެއްސަކު ދިމާކުރި އެވެ. ލޯންޗުގެ ނަސީބުވެރިޔާ އަށް ނުވީ ހަމަ ކިރިޔާ ކަމަށް ބުނެ ސަމާސާކުރީ ފަޔާޒް ގެންގުޅޭ ނަމްބަރާ ގާތްކުރާ ނަމްބަރެއް ގުރުއަތުން ހޮވުމުންނެވެ.
"އަޅުގަނޑަކަށް ނުވެސް އެނގޭ ރޭ ގުރުއަތު ނަގާ ކަމެއް. ރައްޓެއްސަކު ގުޅީ. ހަމަ ކިރިޔާއޭ ލޯންޗު ނުލިބި އެ އޮތީ. އެންމެ ނަމްބަރެއްގެ ތަފާތެކޭ އޮތީ،" ފަޔާޒް މިއަދު ކިޔައިދިނެވެ.
ގުރުއަތުން ނަސީބުވެރިޔާ އަށް ހޮވުނު ނަމްބަރު ރަހުމަތްތެރިޔާ ކިޔައިދީ ނިމުމުން ފަޔާޒަށް ޖަހާލެވުނީ ހިނިގަނޑެކެވެ.
"އަޅުގަނޑު ބުނެފިން ތި ނަމްބަރު ހޮވުނީ ކަމަށް ވަންޏާ، ލޯންޗު ބަލާ ދާންވީ އޭ. ތިއޮތީ ލިބިފައޭ. ތި ވެސް މަގޭ ނަމްބަރެކޭ،" ފަޔާޒު ބުންޏެވެ.
ފަޔާޒު ބުނީ ގުރުއަތުން ހޮވުނު ނަމްބަރަކީ އޭނާގެ ނަމުގައި ރަޖިސްޓަރީކޮށް ނަގާފައި އޮތް ނަމްބަރެއް ކަމަށެވެ. އެ ނަމްބަރު މިހާރު ގެންގުޅެނީ އޭނާގެ އަންހެނުންނެވެ.
"އަސްލު ބުނަންޏާ އަޅުގަނޑުގެ ނަމުގައި އޮތަސް، އަންހެނުން އެ ނަމްބަރު ބޭނުން ކުރާތީ އޭނާގެ އެއްޗަކަށްތާ އެ ވާނީ،" ފަޔާޒް ބުންޏެވެ.
މާލޭގައި ދިރިއުޅެމުން އަންނަ ފަޔާޒުގެ ދެމަފިރިން ދިރާގުގެ ޕްރޮމޯޝަނުގައި ރަޖިސްޓްރީ ކޮށްދިނީ އެ ދެމަފިރިންގެ އެންމެ ހަގު ދަރިފުޅެވެ. ދިރާގުން ޓެސްލާ ކާރު ދިން ޕްރޮމޯޝަނަށް ފަހު، އާއްމު މީހަކަށް އެފަދަ ނަސީބެއް ލިބުމުން އެ އާއިލާ އަށް ވެސް އެފަދަ ނަސީބެއް ލިބިދާނެ ކަމުގެ އުއްމީދުގައި، އެ ދެމަފިރިން ގެންގުޅޭ ނަމްބަރު ވެސް ޕްރޮމޯޝަނުގައި ބައިވެރިކުރީ އުމުރުން 12 އަހަރުގެ ދަރިފުޅު ކަމަށް ފަޔާޒް ބުންޏެވެ.
"ވަރަށް ފޯރީގައި އެންމެ ހަގު ސޮރު ކުރި ކަމެއް އެއީ. އެ ދުވަހު އޭނަ ބުނި ހީވޭހޭ އަޅުގަނޑުމެންނަށް ލޯންޗު ލިބި ދާނެހެން. އަޅުގަނޑު ބުނިން، އިންޝާﷲ އޭ. މި ފަހަރު މިއީ ބައްޕަގެ ފަހަރޭ. އެކަމަކު އެއީ ދެން އޭނަ ހަމަ ހިތްހަމަ ޖައްސާލަން ބުނި އެއްޗެއް،" ފަޔާޒު ބުންޏެވެ.
މަސްވެރިކަމުން އާމްދަނީ ހޯދާ ފަޔާޒު ބުނިގޮތުގައި އެ ލޯންޗަކީ އޭނާގެ މަސައްކަތުގައި ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ. އެހެންވެ ލޯންޗު ވިއްކައިލުމުގެ ހިޔާލެއް އޭނާ އަދި ނުގެންގުޅެ އެވެ. ވަކި ގޮތެއް ނިންމާނީ ލޯންޗާ ހަވާލުވުމަށް ފަހު ކަމަށް ފަޔާޒު ބުންޏެވެ.
ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނުގައި ދެނީ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާގެ އަލްޝާލީ މެރިންގެ "މަޖެލަން 32" ލޯންޗެކެވެ. އޭގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު ހުރެ އެވެ.
އެތައް ބަޔަކު މި ލޯންޗަށް އުއްމީދު ކުރި އެވެ. އެކަމަކު ދަރިފުޅު ގާތު ބުނިހެން މިފަހަރު ލޯންޗުގެ ނަސީބު ލައްވާލީ ފަޔާޒުގެ އާއިލާ އަށެވެ.