31 ޖެނުއަރީ 2025 - 14:26

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 ޕަސެންޓަށް ދަށްވެއްޖެ އެވެ.
އެ ކުންފުނިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 15 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސްއަށް ކެނޑުމަށް ފަހު ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 717 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 12 ޕަސެންޓު ދަށް އަދަދެކެކެވެ.
އެސްޓީއޯ އިން ބުނީ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ އާއި ފައިދާ ދަށްވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު ކުންފުނިން ތެޔޮ ވިއްކާ އަގު ތިން ފަހަރެއްގެ މަތިން ދަށްކޮށްފައި ވާތީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައި ވުމުންނެވެ.
މިދިޔަ އަހަރު އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 ޕަސެންޓުގެ ދަށްވުމެކެވެ.
އެސްޓީއޯއިން މިދިޔަ އަހަރު ވަނީ ކުރީ އަހަރާއި އަޅާބަލާއިރު 8 ޕަސެންޓަށް ދަށްކޮށްފަ އެވެ. ކުންފުނީގެ ޖުމްލަ ފައިދާ ދަށްވެފައި ވާތީ، ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެސްޓީއޯ އިން ބުނީ ފަހު ކުއާޓަރުގެ އާމްދަނީ އޭގެ ކުރީ ކުއާޓަރަށް ވުރެ 7 ޕަސެންޓު ކުރި އެރީ، ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަނގަޅުވެ އާމްދަނީ އިތުރުވަފައި ވާތީ ކަމަށެވެ. ކުންުފުންޏަށް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 637 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓާއާ އަޅާ ބަލާއިރު 8 ޕަސެންޓު އިތުރުވުމެކެވެ.