30 ޖެނުއަރީ 2025 - 20:03

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައޫދުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ސައުދީގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި އިސްލާމްދީނުމުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާއި އެ ގުޅުން ދަމަހައްޓައި ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުންދާ އަހައްމިއްޔަތާއި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ހަލީލް ޝުކުރު އަދާ ކުރެއްވި ކަމަށެވެ. އަދި އެ ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ގައުމަށް ވެސް މުހިއްމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާ އެކު ބައިނަލްއަގްވާމީ މަސްރަހުގައި އެއްބާރުލުން އިތުރު ކުރުމަށް ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.