12 މާޗް 2017 - 06:08

ވަރުން ދަވަން އާއި އާލިއާ ބަޓް އަކީ މިހާރުގެ ޒުވާން ފިލްމީ ތަރިންގެ ތެރެއިން އެންމެ ލޯބި އެއް ޖޯޑު ކަމަށް ގިނަ ބަޔަކު ބުނެ އެވެ. "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި މި ދެ ތަރިން އޭގެ ފަހުން ކުޅުނު "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" ވެސް ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައި ވެއެވެ.
ފުރަތަމަ ފިލްމާއެކު ވެސް ވަރުން އާއި އާލިއާގެ ނަން ވިދަން ފެށި އެވެ. ނަމަވެސް ޖޯޑެއްގެ ގޮތުގައި ފިލްމީ ދުނިޔެއިން ރަނގަޅު މަގާމެއް ހޯދުނީ "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަށް ފަހުގަ އެވެ.
ފިލްމުތަކުގައި މި ދެ ތަރިން ދައްކުވައިދޭ ލޯބި ލޯބި ކެމިސްޓްރީ ގިނަ ބަޔަކަށް ވަރަށް ކަމުދެ އެވެ. މި ޖޯޑު އެކުގައި ކުޅޭ ފިލްމުތަކަށް ބޮކްސް އޮފީހުގައި އެހާ ރަނގަޅު ކާމިޔާބެއް ލިބެނީ މި ސަބަބާ ހެދި އެވެ.
މި ހަފުތާގައި ވަނީ ވަރުން އާއި އާލިއާ އެކުގައި ކުޅުނު ތިން ވަނަ ފިލްމު "ބަދްރީނާތު ކީ ދުލްހަނިޔާ" ރިލީޒްކޮށްފަ އެވެ. އަދި މި ފިލްމަށް ވެސް ލިބެމުންދާ ތަރުހީބަށް ބަލާއިރު މިއި ވަރުން އާއި އާލިއާގެ ޖޯޑުގެ ކާމިޔާބީގެ ސިލްސިލާއަށް އިތުރުވާނެ ބޮޅެއްކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީން ވެފަ އެވެ. ގިނަ ބަޔަކު މި ފިލްމު ބަލަން ސިނަމަތަކަށް ވަންނަމުންދާއިރު މި ދެ ތަރިންގެ ކާމިޔާބު ފިލްމުތަކުގެ ހެޓްރިކެއް މި ފިލްމުގެ ކާމިޔާބާއެކު ހެދޭނެ އެވެ.
ފުރަތަމަ ދުވަހުގެ ބޮކްސް އޮފީސް ކަލެކްޝަނަށް ބަލާއިރުވެސް މި ދެ ތަރިން އެކުގައި ކުރިން ކުޅުނު ފިލްމުތަކަށް ވުރެ ވެސް ރަނގަޅު ފެށުމެއް މި ފިލްމަށް ވަނީ ލިބިފަ އެވެ. އެގޮތުން ކުރީގެ ފިލްމު "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު 90 މިލިއަން ލިބުނުއިރު މިފަހަރުގެ ފިލްމަށް ހުކުރު ދުވަހު އެކަނިވެސް 12،25 ކްރޯޑު (1.2 ބިލިއަން ރުޕީސް) ވަނީ ލިބިފަ އެވެ. "ސްޓޫޑަންޓް އޮފް ދަ އިޔާ" އަށް ލިބިފައިވަނީ 75 މިލިއަނެވެ.
"ދުލްހަނިޔާ" ފްރެންޗައިސްގެ ދެ ވަނަ ފިލްމަށް ވާތީ ވެސް މި ފިލްމަށް ފައިދާ ތަކެއް ކުރި އެވެ. އެއާއެކު އޯޑީއަންސް އާއި ކްރިޓީކްސް ވެސް ބުނަނީ ފިލްމު ވަރަށް ރީތިވެފައި މުނިފޫހިފިލާ ކަމަށެވެ.
ޕޮޒިޓިވް ރިވިއުތަކުން ވެސް މި ފިލްމުގެ ހިނގުމަށް އިތުރު ހަލުވި ކަމެއް އަންނާނެކަމަށް ބެލެވެ އެވެ.
ސޯޝަލް މީޑިއާ އާއި ތިއޭޓަރުތަކުން ވެސް ފެންނަނީ ފިލްމު ބެލި ގިނަ ބަޔަކު މި ފިލްމަށް ސަނާ ކިޔާ ތަނެވެ. ޚާއްސަކޮށް ވަރުން އާއި އާލިއާގެ އެކްޓިން އާއި ކެމިސްޓްރީ އެންމެންނަށް ވެސް ވަރަށް ކަމުދިޔަ އެވެ.