ނުވިހަނީސް އަނެއްކާ ބަލިވެއިނދެދާނެތަ؟
ނުވިހަނީސް އަނެއްކާ ބަލިވެއިނދެދާނެތަ؟

އެކި އަންހެނުންގެ ދަރިމައިވުމުގެ ގާބިލްކަން ހުންނަނީ އެކި މިންވަރަށެވެ. ބައެއް މީހުން ދަރިން ހޯދަން ވަރަށް މަސައްކަތް ކުރަން ޖެހެ އެވެ. އަނެއް ބަޔަކު ދަރިން ބޭނުން ނުވެ އެކަން ނުވޭތޯ މަސައްކަތް ކޮށްކޮށް ތިއްބާ ވެސް ބަލިވެ އިނދެ އެވެ. ނަމަވެސް ބަލިވެ އިނދެ، ދުވަސް ފުރާ ނުވިހަނީސް އަނެއްކާ ބަލިވެ އިނުން މިއީ ހަމަ ވެދާނެ ކަމެއް ހެއްޔެވެ؟ މިއީ ކިތަންމެ ދަރިން ލިބުމުގެ ގާބިލްކަން ހުރި މީހަކަށް ވެސް ވަރަށް ނުވާނެ ކަމެކެވެ.

ނުވިހަނީސް އަނެއްކާ ބަލިވެއިނދެދާނެތަ؟
ނުވިހަނީސް އަނެއްކާ ބަލިވެއިނދެދާނެތަ؟

ނަމަވެސް މެޑިކަލް ސައިންސް ބުނާ ގޮތުން މިއީ އެއްގޮތަކަށް ވެސް ނުވާ ވަރުގެ ކަމެއް ވެސް ނޫނެވެ. އަދި މިގޮތަށް ބައެއް މީހުން މީގެ ކުރިން ވެސް ވިހާފައި އެބަ ތިއްބެވެ. ނަމަވެސް އެއީ ދެ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު މީހެކެވެ.

މިގޮތަށް ބަލިވެ އިނުމަށް ޑޮކްޓަރީ ބަހުން ކިޔަނީ ސުޕަފީޓެޓޭޝަން އެވެ. ބަލިވެ އިންނަތާ ދުވަސްތަކެއް ފަހުން މާބަނޑު މީހާގެ ހަށިގަނޑުން އިތުރު ބިހެއް ރިލީޒްވަނީ އެވެ. އަދި އެ ބިސް ވެސް ގަރުބަ ގަންނަނީ އެވެ. އޭރުން އެ އަންހެންމީހާ އިންނާނީ އެއް ފަހަރާ ދެ ދަރިންނަށް ބަލިވެ އެވެ. އޮޅުވާނުލާށެވެ.

މިއީ އަދި ސުޕާފިކަންޑޭޝަން އެއް ނޫނެވެ. ސުޕާފިކަންޑޭޝަންގައި ވާގޮތަކީ އެއް ސައިކަލްއެއްގެ ތެރޭގައި ދެ ބިސް ރިލީޒްވެ ތަފާތު ދެ ވަގުތެއްގައި ގަރުބަގަންނަނީ އެވެ. މިއީ އެއްމާބަނޑު ދެބެންގެ ތަފާތު ދެ ބައްޕައެއް ހުރެދާނެ ފަދަ ހާލަތެކެވެ. ނަމަވެސް މިއީ ސުޕަފީޓެޓޭޝަން އާ މުޅިން ތަފާތު ކަމެކެވެ.

މިޝިގަންގެ މާކުއިޓް ޖެނެރަލް ހޮސްޕިޓަލްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ކޯނީ ހެޑްމާކް ވިދާޅުވަނީ ބައޮލޮޖިކަލީ ބުނާނަމަ މިގޮތަށް މިކަންތައް ހިނގައިގެނެއް ނުވާނެ ކަމަށެވެ. ޕްރެގްނަންސީ ހޯމޯންސްތަކުގެ ސަބަބުން އަންހެންމީހާގެ ދަރިމައިވުމުގެ ނިޒާމް މުޅިން ބަންދުވާނެ ކަމަށާއި އެހެންވެ މާބަނޑު ދުވަސްވަރު ބިސް ދޫވުމަކީ މުސްތަހީލު ކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ. ސުޕަފީޓެޓޭޝަން އަކީ އެހާ ފާހަގަކޮށްލެވޭ ކަމަކަށް ވަނީ އެހެންވެ އެވެ.

އެއްވެސް މީހަކަށް މިކަން މިހެން ދިމާވާ ސަބަބެއް ނޭނގެ އެވެ. ނަމަވެސް ރިޕްރޮޑަކްޓިވް މެޑިސިންގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ކަރެން ބޮޔޭލް ވިދާޅުވީ ފުރަތަމަ ދަރިފަނި ގަރުބަގަތުމުގެ މަރުހަލާ ލަސްވުމުގެ ސަބަބުން އެކަމާ ގުޅިގެން އުފެދޭ ހޯމޯންތައް އުފެދުން ލަސްވުމާ ގުޅިގެން ސުޕަފިޓޭޝަންގެ ހާލަތެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިގޮތަށް އިމްޕްލާންޓޭޝަން ލަސްވުމުގެ މައްސަލަތައް މުސަޅަށާއި އެނޫންވެސް ބައެއް ޖަނަވާރަށް ދިމާވެފައި ހުރިކަން ފާހަގަ ކުރެވިފައިވީ ނަމަވެސް މިއީ އަދި އެހާ ރަނގަޅަށް އޮޅުންފިލާފައި ނެތް ކަމެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިންސާނުންގެ މިގޮތަށް ސުޕާފީޓޭޝަންގެ ހާލަތެއް ދިމާވަނީ ވަރަށް މަދުންނެވެ. ޑރ. ބޮޔޭލް އޭބީސީގެ "ގުޑް މޯނިން އެމެރިކާ" ޝޯ ގެ ސެގްމެންޓަކަށް މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ހޯއްދެވި ރެކޯޑްތަކުން ފެނިފައި ވަނީ މުޅި ދުނިޔޭން ވެސް މިފަދަ އެންމެ 10 ކޭސް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް މި ޝޯ ބެލުމަށްފަހު ބައެއް މީހުން ޑރ. ބޮޔޭލް އަށް ގުޅާފައި އެމީހުންނަށް ވެސް މިފަދަ ހާލަތެއް ދިމާވި ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނެ އެމީހުންނަށް ކުރެވިފައިވާ ބައެއް ތަޖުރިބާ ހިއްސާ ކޮށްފައި ވެއެވެ: "އެކަކު ގުޅާފައި ބުނި އޭނާ ދަންނަ މީހަކަށް ވެސް އެގޮތަކަށް ލިބިފައި ތިބި އެއްމާބަނޑު ދެ ކުދިން އެބަ ތިއްބޭ. އެއް ކުއްޖަކު މާ ބޮޑޭ އަނެއް ކުއްޖާއަށް ވުރެ. މި ޝޯއަށް ލިބުނު ބޮޑު ތަރުހީބުން އަހަރެން މިއީ ހައިރާންވެފައި."

މިފަދަ ކޭސްތަކުގައި އުފަންވާ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ގައިގައި އައިބުތަކެއް ހުރުމުގެ ފުރުސަތު އޮންނާނެ ހެއްޔެވެ؟ ޑރ. ބޮޔޭލް ވިދާޅުވަނީ އެގޮތަށް އައިބުހުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް ސުޕާފީޓޭޝަން އެއް ދިމާވިޔަސް ގިނަ ބަޔަކަށް އެކަން ފާޙަގަ ނުކުރެވިދާކަން ގަބޫލުކުރަން ޖެހޭނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

މިފަދަ ކުދިން އުފަންވަނީ އެއްވަގުތަކު އެވެ. ދެ ކުދިން ވެސް އުފަންވަނީ އެއްކޮށެވެ. މީގެ ކުރިން ފެނިފައިވާ މިފަދަ މަދު ކޭސް ތަކުގައި ދެ ކުދިންގެ އުމުރުގައި ހުރި ތަފާތު ދެނެގަނެވެނީ ވިހާ ފަހުންނެވެ. ނަމަވެސް މިޒަމާނުގައި އަލްޓްރާސައުންޑް ސްކޭންގެ އެހީގައި މި ފަދަ ކަންތައްތައް ދެނެގަނެވޭނެ އެވެ.

ސްކޭނުން މިކަން ދަނެގަނެވިއްޖެނަމަ ދުރާލާ މައިމީހާ އަށާއި ޑޮކްޓަރުންނަށް ވެސް މިކަމަށް ތައްޔާރުވާން އެނގޭނެ އެވެ. މިކަހަލަ ގޮތަކަށް ބަލިވެ އިނުމުން އެންމެ ރަނގަޅު ގޮތަކީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުމެވެ. ސަބަބަކީ އެއް ކުއްޖަކަށް ދުވަސް ފުރޭއިރު އަނެއް ކުއްޖާއަށް ދުވަސް ނުފުރޭނެތީ އެވެ.

އޮސްޓްރޭލިޔާގެ އަންހެނެއް ކަމަށްވާ ޖީނީ ހިލް ވެސް 1994 ގައި ވަނީ މިގޮތަށް ދެ ފަހަރު މަތިން ބަލިވެ އިނދެ ދެ ކުދިން ވިހައިފަ އެވެ. އުމުރުން 53 އަހަރުގެ ޖީނީ އަށް ލިބުނު އެއްމާބަނޑު ދެ ފިރިހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ގަރުބަގަނެފައި ވަނީ އަނެއް ކުއްޖާއަށް ވުރެ 10 ދުވަސް ކުރިންނެވެ. މި ދެ ކުދިން މިހާރު ބޮޑެތިވެ ފުރިހަމަ ސިއްހަތުގައި ދުނިޔޭގައި އެބަތިއްބެވެ.