30 ޖެނުއަރީ 2025 - 14:56

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ކ. ހުރާ އިން 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެއް ހުރާގައި ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އާ ހަމައަށް ކަމަށެވެ.
އެ އޮޕަރޭޝަނުގައި، ހުރާގައި އުޅޭ ބިދޭސީންގެ ތެރެއިން 46 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅެމުންދާތީ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލެ ސަރަހައްދުގައި ފެށި ބޮޑު އޮޕަރޭޝަނާ އެކު ބައެއް މީހުން ރަށްރަށަށް ފިލައިގެންދާ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.
ދާދިފަހުން ވަނީ އިމިގްރޭޝަނުން ރ. އަތޮޅުގައި އޮންނަ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަށް ދާ ކަމަށް ހީކޮށް، އެ ރިސޯޓުގެ 60 ބިދޭސީއަކު ފިލަން ވެގެން ރ. މަޑުއްވަރީއަށް ދިޔަ އެވެ. އެ މައްސަލާގައި އިިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހޯދުމަށް މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން އައި ބިދޭސީން ހިމެނެ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް "ކުރަނގި" އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
އެ އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 25،483 ބިދޭސީއެއް ބަޔޮމެޓޮރިކް މައުލޫމާތު ނަގައިފަ އެވެ.