30 ޖެނުއަރީ 2025 - 12:15

ދިވެހި ޔޫތު ލީގުގެ ފުރަތަމަ އެވޯޑް ނައިޓް މާދަމާ ރޭ ބާއްވަން އިއުލާންކޮށްފި އެވެ.
އާ ވިސްނުންތަކާއި ޓެކޮނޮލޮޖީއާ އެކު ރާއްޖޭގައި މުޅިން އަލަށް ބޭއްވި ފުރަތަމަ ޔޫތު ލީގުގެ އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވާނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
މުޅިން އަލަށް ފެށި ލީގުގެ ފުރަތަމަ އަހަރު ވެސް ތިން އުމުރުފުރައަކަށް މުބާރާތް ހާއްސަ ކުރި އެވެ. އެއީ 12 އަހަރުންދަށް، 14 އަހަރުންދަށް އަދި 16 އަހަރުންދަށެވެ.
އެވޯޑް ހަފުލާގައި 12 އަހަރުންދަށުގެ ޑްރީމް ޓީމު ހޮވައި އެ ކުޅުންތެރިންނަށް އިނާމު ދޭނެ އެެވެ. އެ އުމުރުފުރާގެ ޑްރީމް ޓީމުގައި ހިމެނެނީ އަށް ކުޅުންތެރިންނެވެ. އަނެއް ދެ އުމުރުފުރާ ކަމަށްވާ 14 އަހަރުންދަށާއި 16 އަހަރުންދަށުގައި ކޮންމެ އުމުރުފުރާއަކުން 11 ކުޅުންތެރިން ހިމެނޭ ޑްރީމް ޓީމު ހޮވާނެ އެވެ. އަދި 16 އަހަރުންދަށުގެ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތރިޔާ ހޮވައި ރަން ބޫޓް އެވޯޑް ދޭނެ އެވެ. ކޮންމެ އުމުރުފުރައަކުން ވެސް އެންމެ މޮޅު ކޯޗަށް ވެސް އެވޯޑް ދިނުމަށް ހަމަޖެހިފައިވާކަމަށް ޑީވައިއެލްއިން ބުންޏެވެ.
މުބާރާތުގެ 12 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިންނެވެ. ސާދަ އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދީ ޓީސީންނެވެ. އަދި 16 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދީ ވެލެންސިއާއިންނެވެ.
ދިވެހި ޔޫތު ލީގު ބާއްވަން އިސްނެގީ ބެލެނިވެރިންގެ ގުރޫޕަކުންނެވެ. އިބްރާހިމް ނަޝީދާއި ސޮފްވާން ޝަމީމާއި ހަސަން ނަވާޒް އާދަމްގެ އިތުރުން އަހްމަދު ނަވާޒް، ޔޫތު ލީގު ބާއްވަން އިސްނެގީ އެ މީހުންގެ ދަރިން ވެސް އެކަޑަމީތަކަށް ތަމްރީނުތަކަށް ގެންދާތީ ވާދަވެރި މެޗުތަކެއް ކުޅުންތެރިންނަށް ހޯދައިދިނުމުގެ ގޮތުންނެވެ.
އެފްއޭއެމްއާ ގުޅިގެން މޯލްޑިވްސް ސޮކަ މޭޓްސްއިން މުބާރާތް ކުރިއަށްގެންދިޔަ ނަމަވެސް، ސޮކަ މޭޓްސްގެ ރައީސް އަދި މުބާރާތުގެ އިންތިޒާމު ކޮމިޓީގެ ޗެއާޕާސަން ކާމިނީޕޫލް ހަސަން މަނިކު މުބާރާތުގެ ހުރިހާ ކްރެޑިޓެއް ދެއްވަނީ އެ ބެލެނިވެރިންނަށެވެ.