30 ޖެނުއަރީ 2025 - 14:54

އިމިގްރޭޝަނަށް ފިލަން ރ. މަޑުއްވަރިއަށް އެރި 60 ބިދޭސީން އެ މީހުން އައި ރިސޯޓަށް އަނބުރާ ފޮނުވާލައިފި އެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގައި އެމެރަލްޑް ރިސޯޓަށް ދާ ކަން އެނގިގެން އެ ރިސޯޓުން 60 ބިދޭސީއަކު ވަނީ ފިލަން އެރީ މަޑުއްވަރީ އަށެވެ. ލޯންޗްތަކުގައި ދިޔަ ބިދޭސީންގެ ތެރެއިން މަޑުއްވަރީން ފުރަތަމަ އަތުލައިގަނެވުނީ 19 މީހުންނެވެ.
މަޑުއްވަރީ ކައުންސިލް ރައިސް މުހައްމަދު ސޯދިގް ވިދާޅުވީ ބާކީ ތިބި 41 ބިދޭސީން ވެސް ފުލުހުންގެ އެހީއާއެކު އެދުވަހު ހޯދައި، އެ މީހުން މަސައްކަތްކުރާ އެމެރަލްޑް ރިސޯޓަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
މި މައްސަލާގައި އިމިގްރޭޝަނުން ރިސޯޓަށް ގޮސް ގަވާއިދާ ޚިލާފަށް އުޅޭ އެ ބިދޭސީން ގެންދިޔަ ކަމެއް އަދި ސާފެއް ނުވެ އެވެ.
މި ރިސޯޓަކީ ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ކުރިން ވެސް ތިބޭ ރިސޯޓެއް ކަމަށް މަޑުއްވަރީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ހޯދައި ޑީޕޯޓްކޮށްފައިވެ އެވެ. އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުގައި އިމިގްރޭޝަނުން ބުނީ އަހަރެއްގެ ތެރޭގައި 5،000 ބިދޭސީން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.