ދިރާގުން ދޭ ލޯންޗުގެ ނަސީބުވެރިޔާ މިރޭ ހޮވަނީ
ދިރާގުން ދޭ ލޯންޗުގެ ނަސީބުވެރިޔާ މިރޭ ހޮވަނީ

ދިރާގުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރޮމޯޝަން، "ވިން އަ ސްޕީޑްބޯޓު"ގެ ނަސީބުވެރިޔާ ހޮވަން ބާއްވާ ހާއްސަ ހަރަކާތެއް މިރޭ އޮންނާނެ އެވެ.

ހުޅުމާލެ، ސެންޓްރަލް ޕާކުގައި ބާއްވާ އެ ހަރަކާތް ފަށާނީ މިރޭ 8 ޖަހާއިރެވެ. އެ ހަރަކާތުގައި ދިވެހި ފަންނާނުންގެ ހާއްސަ ހުށަހެޅުންތަކެއް އޮންނާނެ އެވެ. އަދި އެ ތަނުގައި ހާއްސަ ފުޑްސްޓޯލްތަކެއް ވެސް ހުންނާނެ އެވެ.

މި ހަރަކާތް ޓީވީތަކުންނާއި ފޭސްބުކުން ލައިވްކޮށް ބެލޭނެ އެވެ.

"ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައި އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހުން ޑިސެމްބަރު މަހަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ދިރާގުން ދޭން ނިންމީ އަލްޝާލީ މެރިންގެ "މަޖެލަން 32" ލޯންޗެވެ. އެ ލޯންޗަކީ 12 މީހުންގެ ޖާގައިގެ 32 ފޫޓުގެ ލޯންޗެކެވެ. މި ލޯންޗުގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު ހުންނާނެ އެވެ. މިއީ އަރާމު ޑެކަކާއި ހިތްފަސޭހަ ކެބިންއަކާއި ބަދިގެއެއް ވެސް ހިމެނޭ ލޯންޗެކެވެ.

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ހޫނު ތަރުހީބެއް ލިބުނެވެ. ދިރާގުން ވަނީ 2023 ވަނަ އަހަރު ވެސް މިފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮމޯޝަނުގައި ދިނީ ޓެސްލާ ކާރެކެވެ.