އަންހެން ނޫސްވެރިންނަށް ފުރައްސާރަކޮށް ދިމާކުރުން އިތުރުވެއްޖެ: އެމްޖޭއޭ
އަންހެން ނޫސްވެރިންނަށް ފުރައްސާރަކޮށް ދިމާކުރުން އިތުރުވެއްޖެ: އެމްޖޭއޭ

އަންހެން ނޫސްވެރިންގެ މަސައްކަތާ ގުޅުވައި މިފަހަކަށް އައިސް ފުރައްސާރަކޮށް ދިމާކުރުން އިތުރުވެފައިވާތީ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ނޫސްވެރިން ކުރާ މަސައްކަތާ ގުޅުވައިގެން އެ މީހުންނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިދިޔަ ދެތިން މަސް ތެރޭގައި ފުރައްސާރަކުރުން އިތުރުވެފައިވާތީ ކަންބޮޑުވާ ކަމަށެވެ.

އަންހެން ނޫސްވެރިންނަށް، މިފަހުން ފުރައްސާރަކޮށް ދިމާކޮށްފައިވާ މައްސަލަތައް އެ ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުންޏެވެ. މިފަދަ އަަަމަލުތަކަކީ ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސް އަޅައި ރޫހާނީ ގޮތުން ބަލިކޮށްލައި ފަހަތަށް ޖައްސަން ބައެއް ފަރާތްތަކުން ގެންގުޅޭ އުކުޅުތަކެއް ކަމުގައި އެ ޖަމިއްޔާ އިން ގަބޫލުކުރާ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

އެ ބަޔާނުގައި ބުނީ ސަންގު ޓީވީގެ ނޫސްވެެރިޔާ ފާތިމަތު މަދަދާއަށް އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވާ އެނޮނިމަސް އެކައުންޓަކުން އިއްޔެ ފުރައްސާރަ ރައްދުވާ ގޮތަށް އޭނާގެ ފޮޓޯއާ އެކު ޕޯސްޓެއް ކޮށްފައިވާ ކަމަށެވެ.

އެ ޕޯސްޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިވެންޓުތައް މިފަހުން އޭނާ ކަވަރުކުރާތީ އެކަމާ ގުޅުވައިގެން ކޮށްފައިވާ ޕޯސްޓެއް ކަމަށާއި ޕޯސްޓަށް ކޮމެންޓްކުރި އާންމު ފަރާތްތަކުން ވެސް އޭނާއަށް ފުރައްސާރަކޮށްފައިވާ ކަމަށް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން މިފަހުން އިތުރު އެހެން އަންހެން ނޫސްވެރިންނާ ދިމާކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުގެ ވާހަކަ ވެސް އެ ބަޔާނުގައިވެ އެވެ.

އޭގެ ތެރޭގައި ރިވާޔާ ނޫހުގެ އެޑިޓަރު އާއިދާ އަބްދުލް ހަކީމް، ވިޔަފާރިވެރިއަކާ ކުރި ސުވާލަކާ ގުޅިގެން، އެ ވިޔަފާރިވެރިޔާ ވަނީ އާއިދާއަށް ފުރައްސާރަކޮށް އެކްސްގައި ޕޯސްޓުތަކެއް ކޮށްފަ އެވެ. އަދި ސަންގު ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީއަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފުރައްސާރަކޮށް އިންޒާރު ދިނުމުގެ އިތުރުން މިހާރު ނޫހުގެ ނޫސްވެރިޔާ އާސިމާ ނިޒާރު، ލިޔުނު ލިޔުމަކާ ގުޅުވައި އޭނާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ބިރު ދައްކާފައިވާ މައްސަލަ އެމްޖޭއޭ އިން ފާހަގަކުރެ އެވެ.

"މިފަދަ އަމަލުތައް މި ޖަމްއިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް މި ޖަމްއިއްޔާއިން ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

އެމްޖޭއޭ އިން ބުނީ ރާއްޖޭގައި ނޫސްވެރިކަމުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ވަރަށް މަދު ކަމަށެވެ. މިގޮތަށް އެމީހުންނަށް ސީދާ ޓާގެޓްކޮށް ފުރައްސާރަކުރާ ނަމަ، އެ ދާއިރާއަށް ވަންނަ އަންހެނުންގެ ނިސްބަތް މަދުވާނެ ކަމަށާއި މިހާރު ތިބި އަންހެން ނޫސްވެރިންނަށް ވެސް ބިރުވެރިކަމާއި ފަސްޖެހުން ކުރިމަތިވާނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލައި ފިޔަވަޅު އަޅަން ވެސް އެ ޖަމިއްޔާ އިން ގޮވާލަ އެވެ.