14 މާޗް 2017 - 06:10

މިހާރު ސިނަމާގައި އޮތް ފިލްމް "މަލިކާ" އަކީ ފިލްމީ ދާއިރާ އަށް މުޅިން އާ ބަތަލާއަކު ތައާރަފުވި ފިލްމެކެވެ. އެ ފިލްމުގެ ޓައިޓްލް ރޯލް ކުޅުނީ މި ދާއިރާ އަށް އަލަށް ނިކުތް ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ ފިލްމް ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. ހާއްސަކޮށް، ފިލްމުގެ ވާހަކައަކީ މިހާރުގެ މުޖުތަމައާ ވަރަށް ބޮޑަށް ގުޅޭ ފިލްމެއްކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

"މަލިކާ" ގައި ދައްކައި ދެނީ މައިބަފައިންނަށް އަޅާލުމާއި އަންހެން ދަރިއެއްގެ މުހިއްމުކަން، ފިރިހެން ދަރިއަށް ވުރެ، ވަކި ކުޑަ ނޫން ކަމެވެ.

މި ފިލްމުގެ އެންމެ މުހިއްމު ރޯލެއް ކުޅުނު ނުޒޫއަކީ އާ ފަންނާނަކަށް ވިޔަސް، އޭނާގެ އެކްޓިން ވަރަށް ރަނގަޅުކަން ފިލްމް ބެލި މީހުން ފާހަގަކޮށްފައިވެ އެވެ. ވަކިން ހާއްސަކޮށް ރޯ މަންޒަރުތައް އޭނާ ކުޅެފައިވާލެއް ފުރިހަކަން އެއީ ފިލްމުން އެންމެ އަޅައިގަތް އެއް ކަންތައް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ފުރަތަމަ މަސައްކަތާ މެދު ނުޒޫ ހިތްހަމަޖެހޭ ހެއްޔެވެ؟
"އަސްލު ވަރަށް ހިތްހަމެޖެހޭ ފުރަތަމަ ފިލްމާ ބަލާފައި ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ. ފިލްމް ބަލަން އިން އިރު، ހިތަށް އެރި ހަމަ ނޫޒޫބާއޭ އެ ފެންނަނީ،" މި މަހުގެ ދެވަނަ ދުވަހު އެޅުވި ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
އޭނާ ބުނީ ފިލްމް ބެލި ވަރަށް ގިނަ މީހުންގެ ފަރާތުން އެކްޓިން ރަނގަޅުވެގެން ކޮމެންޓް އައިސްފައި ހުރި ކަމަށެވެ.
"ބައެއް މީހުން ބުނީ އާ ކުއްޖަކާ ބަލާފައި ހަމަ ވަރަށް ރަނގަޅޭ. އެކްޓިން ހަމަ ވަރަށް ފުރިހަމައޭ. އެއީ އަސްލު ވަރަށް ބޮޑު ހިތްވަރެއް،" ނޯޓީ 40 ގެ ޝޫޓިންގައި މިލަންދޫގައި ހުރެ ނުޒޫ ބުންޏެވެ.
އޭނާ އަދި ބުނީ ފުރަތަމަ ފިލްމް ގިނަ ބަޔަކަށް ކަމުދިއުމަކީ، ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"ހިތްހަމަޖެހޭ ކަހަލަ ރޯލްތަކެއް ލިބޭ ނަމަ ހަމަ ކުރިއަށް ދާ ގޮތަށް މިހިރީ،" ނ. މަނަދު އަށް އުފަން ބަތަލާ ބުންޏެވެ.
ބޮޑު ކާސްޓަކާ އެކު "ނޯޓީ 40" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ނުޒޫ ބުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވެސް ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
"މި ރަށުގައި ނަގަން ޖެހޭ މަންޒަރުތައް މިހާރު ދެން ގާތްގަނޑަކަށް ނިމިފައި ހުރީ. ވަރަށް ހިތްހަމެޖޭ ބޮޑު ޓިމަކާ އެކު، އަނެއްކާ މި ދާއިރާގެ ތަޖުރިބާ ހުރި ޓީމަކާ އެކު ދެވަނަ ފިލްމުގައި މަސައްކަތްކޮށްލަން ލިބުމުން،" އޭނާ ބުންޏެވެ.
ނުޒޫ ބުނީ "ނޯޓީ 40" ގައި އޭނާ ފެނިގެން ދާނީ "މަލިކާ" ގައި ކުޅުނު ރޯލާ މުޅިން ތަފާތު ރޯލަކުން ކަމަށެވެ.
"މަލިކާއަކީ ތަންކޮޅެއް ސީރިއަސް ފިލްމެއް. އެކަމަކު ނޯޓީ ފޯޓީއަކީ ވަރަށް މަޖާ ފިލްމަކަށް ވާނެ. މީގައި ކުޅެން ލިބުނު ރޯލާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ،" އޭނާ ބުންޏެވެ.
ނުޒޫ މިހާރު އަންނަނީ 13 އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަހުމަދު ސައީދު ޑައިރެކްޓް ކުރާ "މީހޭ މަށަށް ދިން މަގާމު" ގައި އޭނާ ފެނިގެން ދާނީ އިބްރާހީމް ޖިހާދު (ޖިމީ) އާއި ފާތުމަތު އާޒިފާ (އަޒޫ) އާ އެކުގަ އެވެ.
ފިލްމީ ދާއިރާ އަށް ޒުވާނުން ނިކުންނަމުންދާ އިރު، ނުޒޫމެން ކަހަލަ ބަތަލާއިންނަކީ މި ދާއިރާގެ ކުރިމަގު އޮތް ބަތަލާއިންނެނެވެ. ލިބޭ ފުރުސަތުތަކަށް ބަލާ އިރު، އެކަން ސާބިތުވެ އެވެ. އެހެންވެ ނުޒޫ ވެސް ހުރީ ލިބޭ ރަނގަޅު ފުރުސަތަކުގެ ބޭނުން ހިފަން ތައްޔާރަށެވެ.
"އަސްލު ވަރަށް އުފާވި ދެވަނަ ފިލްމްގައި ޔޫއްޕެ، މަނިކު، ސީޒަން އަދި ސައީދުމެން ކަހަލަ ތަޖުރިބާކާރު އެކްޓަރުންނާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުނީމަ،" ޒުވާން ބަތަލާ ބުންޏެވެ.
އޭނާ ބުނީ މިހާރު ވެސް އިތުރު ފިލްމަކަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"އެކަމަކު އަދި އޭގެ ތަފުސީލަކަށް ދެވޭހާ ވަރަށް ނެގޯޝިއޭޓެއް ނުކުރެވޭ. ވާހަކަ ދެކެވެމުން އަންނަނީ،" ނުޒޫ ބުންޏެވެ.