30 ޖެނުއަރީ 2025 - 10:27

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އަތޮޅު ޗެމްޕިއަންކަން މ. ދިއްގަރާއި ފ. ދަރަނބޫދޫ އަދި ދ. ކުޑަހުވަދޫ ހޯދައިފި އެވެ.
ދިއްގަރު ވަނީ މ. އަތޮޅު ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން މުލައް ބަލިކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރު ވެގެން ޕެނަލްޓީގައި ދިއްގަރު ކުރި ހޯދީ 4-3 އިންނެވެ.
މ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްގަރުގެ އިބްރާހިމް ރިއްފަތެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މުލަކުގެ ސުޖުއާން ހުސެއިން އެވެ.
ފ. އަތޮޅުގެ ޗެމްޕިއަންކަން ދަރަނބޫދޫ ހޯދީ ފަހުވަގުތު ކާމިޔާބުކުރި ގޯލުން 2-1 އިން މަގޫދޫ ބަލިކޮށްގެންނެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވެސް ދަރަނބޫދޫގެ މުޒްދާން ހަސަން އެވެ. ބިލެތްދޫގެ މުހައްމަދު ޒީދާން ޒުހުރީ އަށް ވެސް ވަނީ ޖޮއިންޓް ޓޮޕް ސްކޯރާގެ އެވޯޑް ލިބިފަ އެވެ.
ދ. އަތޮޅުގެ ފައިނަލްގައި ކުޑަހުވަދޫ ތަށީ ދިފާއު ކުރީ 3-2 އިން މާއެނބޫދޫ ބަލިކޮށްގެންނެވެ. ކުޑަހުވަދޫގެ މުހައްމަދު އަރީޝް އަށް އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް ލިބުނީ މާއެނބޫދޫގެ އާމިލް އަލީ އަށެވެ.
މިރޭ ހަފަތު އަތޮޅެއްގެ ފައިނަލް ކުޅޭނެ އެވެ. އެންމެ ފުރަތަމަ އޮތީ ތިމަރަފުއްޓާއި ހިރިލަންދޫ ބައްދަލުކުރާ ތ. އަތޮޅު ފައިނަލާއި، ގަން އަދި އިސްދޫ ބައްދަލުކުރާ ލ. އަތޮޅުގެ ފައިނަލެވެ. ދެން އޮންނާނީ ނައިފަރާއި ކުރެންދޫ ބައްދަލުކުރާ ޅ. އަތޮޅު ފައިނަލާއި ތުޅާދޫ އަދި އޭދަފުށީ ބައްދަލުކުރާ ބ. އަތޮޅު ފައިނަލެވެ.