29 ޖެނުއަރީ 2025 - 21:14

ބަންގްލާދޭޝްގައި އަންހެން ދެ ޓީމެއްގެ މެދުގައި ބާއްވަން އުޅުނު ފުޓްބޯޅަ މެޗަކަށް. ހަރުކަށި ފިކުރުމުގެ މީހުން ހުރަސްއެޅުމުގެ ސަބަބުން މިއަދު ކެންސަލްކުރަން ޖެހިއްޖެ އެވެ.
އުތުރުގެ ސިޓީއެއް ކަމަށްވާ ޖޯއިޕޫރްހަޓްގައި ބުދަ ދުވަހު އެ ސިޓީގެ ޑިސްޓްރިކްޓް އަންހެން ޓީމާއި ރަންގްޕޫރުގެ އެހެން ޓީމަކާ ދެމެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ބާއްވަން ތައްޔާރުވެފައި އޮއްވައި ހަރުކަށި ފިކުރުގެ ބަޔަކު އެއްވެ މެޗް ކުޅޭ ތަނާ ދިމާލަށް އަންނަން ފެށީ ކަމަށް، މުބާރާތް އިންތިޒާމްކުރި ސަމީއުލް ހަސަން އީމާން އޭއެފްޕީއަށް ބުންޏެވެ.
"ހާލަތު އިތުރަށް ގޯސްވާން ފެށުމުން ޖެހުނީ މެޗް ކެންސަލްކުރަން،" އޭނާ ބުންޏެވެ.
އެ ގައުމުގެ އިސްލާމިކް ސްކޫލެއްގެ ހެޑްމާސްޓަރު އަބޫބަކުރު ސިއްދީގު އޭއެފްޕީ އަށް ބުނި ގޮތުގައި، ފުޓްބޯޅަ މެޗާ ދެކޮޅު މުޒާހަރާގައި އޭނާ އާއި އޭނާގެ ދަރިވަރުންނާއި އެހެން ބައެއް މަދްރަސާތަކުގެ ޓީޗަރުންނާއި ދަރިވަރުން ވެސް ބައިވެރިވި އެވެ.
"ފުޓްބޯޅަ ކުޅުމަކީ އަންހެނުންނަށް ދީނީ ގޮތުން ހުއްދަ ކަމެއް ނޫން،" އޭނާ ބުންޏެވެ. "އަހަރެމެންގެ އަގީދާއާ ހިލާފް ކޮންމެ ކަމެއް ހުއްޓުވުމަކީ ދީނީ ވާޖިބެއް."
މި މެޗް ހުއްޓާލަން ޖެހުނު އިރު އިއްޔެ ވެސް އެ ސަރަހައްދުގެ އެހެން ސިޓީއެއްގައި އަންހެނުން ފުޓްބޯޅަ މެޗެއް ކުޅެން އުޅުމުން، ލަކުޑިބުރި ފަދަ ތަކެތި ހިފައިގެން ހަރުކަށި ފިކުރުގެ ބަޔަކު ނުކުމެ މުޒާހަރާކުރުމުން މެޗެއް ފަސްކޮށްފައިވެ އެވެ.
"މެޗް ފަސްކުރަން ޖެހުނީ ފަށަން ބައި ގަޑިއިރަށް ވެފައި ވަނިކޮށް. ކުޅެން ތިބި ކުދިން ވެސް އަވަހަށް ޖެހުނީ ރައްކާތެރި ހިސާބަކަށް ގެންދަން،" މެޗު އިންތިޒާމްކުރި ޓީޗަރެއް ކަމަށްވާ މުނީރުއްޒަމާން ޒިއާ އޭއެފްޕީއަށް ބުންޏެވެ.
މި ހާދިސާތައް ބަންގްލާދޭޝް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ.
"ފުޓްބޯޅައަކީ ކޮންމެ މީހަކަށް ވެސް އޮތް ކުޅިވަރެއް. އެކަމުގައި ބައިވެރިވުމުގެ ފުރިހަމަ ހައްގު އަންހެނުންނަށް ވެސް އޮންނާނެ،" ބީއެފްއެފްގެ މީޑިއާ މެނޭޖަރު ސަދުމާން ޝަކީބު ނެރުނު ބަޔާނެއްގައި ބުންޏެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބަންގްލަދޭޝްގައި ޝައިހް ހަސީނާގެ ސަރުކާރު އޮތް އިރު ހަރުކަށި ފިކުރުގެ މީހުން އަނިޔާވެރިކަމާ އެކު ކޮންޓްރޯލްކޮށްގެން ގެންގުޅެފައިވެ އެވެ. އެކަމަކު މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކު ހަރުކަށި ފިކުރުމުގެ ގްރޫޕްތަކުގެ ހަރަކާތްތައް ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެ އެހެން ދީންތަކާއި މަޒުހަބުތަކުގެ މީހުންނަށް ނުރައްކާކުރުން ވަނީ އިތުރުވެފަ އެވެ. -- އޭއެފްޕީ