"ނޯޓީ 40"ގެ ޝޫޓިންގައި ސީޒަނަށް އަނިޔާވެއްޖެ
"ނޯޓީ 40"ގެ ޝޫޓިންގައި ސީޒަނަށް އަނިޔާވެއްޖެ

ށ. މިލަމްދޫގައި މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމް "ނޯޓީ 40" ގެ މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި އެކްޓަރު އަލީ ސީޒަނަށް އަނިޔާވެއްޖެ އެވެ.

ތިން ބުރީގެ އިމާރާތަކަށް ހޮޅިދަނޑިތަކެއްގައި އެލިގެން އަރަނިކޮށް ސީޒަން ވެއްޓި ދެ އަތަށާއި ކަނދުރާ އަށް ވަނީ ހުކުރު ދުވަހު ވަނީ އަނިޔާވެފަ އެވެ.

އެ މަންޒަރަކީ އެކްޓަރު އިބްރާހީމް ޖިހާދު (ޖިމީ) ފިލަންވެގެން ހަދަމުންދާ އިމާރާތެއްގެ ތެރެއަށް ވަނުމުން އޭނާ އަތުލައި ގަންނަން ސީޒަން މަސައްކަތް ކުރާ ގޮތް ދައްކުވައިދޭ މަންޒަރެކެވެ.

"ނޯޓީ 40" ގައި ފުލުހެއްގެ ރޯލް ކުޅޭ ސީޒަން ބުނީ އިމާރާތަށް އަރަނިކޮށް 12 ފޫޓެއްހާ މަތިން ވެއްޓުނީ އެލި ގަނެގެން އޮތް ހޮޅިދަނޑިއެއް ލޮކްކުރަން އައްސާފައި ހުރި ނަރު ބުރިވެގެން ކަމަށެވެ.

"އޭގެ ލޮކް އަޅުވާފައި ނެތް ކަމެއް ކުރިއަކުން ނޭނގޭ. ހޮޅީގައި އެލިގަނެގެން މައްޗަށް އަރަނިކޮށް ނަރު ކެނޑިގެން ކައްސާލައި ބިންމަތީގައި ނުޖެހި އޮތީ. އޭރު އެއް އަތް އޮތީ އެހެން ހޮޅިއެއްގައި އަޅައިގެންފައި، އަނެއް އަތް ހޮޅިއެއްގައި ޖެހުމުގެ ސަބަބުން އަތް މަށައިގެން ގޮސް ގެއްލުންވީ،" އޭނާ ބުންޏެވެ. "ކަނދުރާ ވެސް ހޮޅިއެއްގައި ޖެހުމުން ވަރަށް ބޮޑަށް އައްސިވެފައި ހުރީ."

ސީޒަން އަށް އަނިޔާވުމުގެ ސަބަބުން "ނޯޓީ 40" ގެ ޓީމުން އޭނާ އަށް ވަގުތުން ފަރުވާ ދޭން ފެށި ކަމަށެވެ. އަދި މިލަންދޫގެ ދިވެހި ބޭސްވެރިއަކަށް ދައްކައިގެން ޒަހަމްވި ތަންތަނުގައި ވަނީ ބޭސް އަޅައިފަ އެވެ.

"މިހާރު އަހަރެން ނަގަން ޖެހޭ މަންޒަރަކަށް މި މަންޒަރު އެކަނި އޮތީ ވެސް. އަނެއްކާ މި މަހުގެ ސާދައިިގެ ކުރިން އެބަ ޖެހޭ ލަންކާ އަށް ފުރައިގެން ދާން. އެހެންވީމަ މި ބަލަނީ އަނިޔާވި ނަމަވެސް، ހިތްވަރުކޮށްލައިގެން މަންޒަރު ނަގައި ނިންމާލެވޭތޯ،" ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ ފިލްމާ ބެގޭ ގޮތުން އޭނާ ބުންޏެވެ. "އަނެއްކާ މުޅިން ރަނގަޅުވަންދެން ޝޫޓިން މަޑު ޖައްސާލައިފި ނަމަ މުޅި ކްރޫގެ މަސައްކަތަށް ވަަރަށް ބޮޑު ޑިލޭއެއް އަންނާނެ. އެހެންވެ އެހެން ނުވެ، މަސައްކަތް ނިންމައިލެވޭތޯ މި ބަލަނީ."

ސީޒަން 2015 ވަނަ އަހަރު ވެސް ފުލުހެއްގެ ރޯލުން ފެނިގެން ދިޔަ "އަހްޝަމް" ގެ ޝޫޓިން ތެރޭގައި ވެސް އިމާރާތާކުން ވެއްޓި އަނިޔާވެފައިވެ އެވެ.

އެ ފިލްމުގައި ސީޒަން ވަނީ ނުރައްކާތެރި ގިނަ ސްޓަންޓްތަކެއް ހަދައިފަ އެވެ.