މިދިޔަ އަހަރު ބީއެމްއެލްއަށް 2 ބިލިއަން ރުފިޔާގެ ސާފު ފައިދާ
މިދިޔަ އަހަރު ބީއެމްއެލްއަށް 2 ބިލިއަން ރުފިޔާގެ ސާފު ފައިދާ

ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބޭންކުން އާއްމުކުރި އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު، އެއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 4 ޕަސެންޓުގެ އިތުރުވުމެކެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ބޭންކުގެ ޖުމްލަ އެސެޓު ވަނީ 3 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ބޭންކުން މިދިޔަ އަހަރު އާއްމުންނާއި ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކުރި އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފަހައްޓާފައިވެ އެވެ.

ބީއެމްއެލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ތިން ވަނަ ކުއާޓަރާ އަޅާ ބަލާއިރު 47 ޕަސެންޓު ކުރި އެރުމެކެވެ. އެ ކުއާޓަރުގައި ބޭންކް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 685 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި އަހަރު މަސައްކަތް ކުރާނީ ފާއިތުވި އަހަރަށް ވުރެ ފުރިހަމަ ކާމިޔާބެއް ހޯދަން ކަމަށެވެ.

"2024 ވަނަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ހިދުމަތްކުރަން ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދޭ. 2025 އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާ އެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާ އެކު،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މުހިންމު މަޝްރޫއުތަކުގެ ގޮތުގައި "މުޅި ރާއްޖެއަށް އޭޓީއެމް"ގެ ނަމުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމާއި "ބޭންކް ފަންޑު" 5 ފަރާތަކަށް ދިނުން ހިމެނެ އެވެ.