29 ޖެނުއަރީ 2025 - 10:04

އިންވެސްޓްމަންޓުތައް ފުޅާކުރުމުގެ މަޝްވަރާތަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައުދި އަރަބިއްޔާއަށް ރޭ ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދުގެ ދައުވަތަކަށް ކުރައްވާ ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ސައުދީގެ މިނިސްޓާ އޮފް ކޮމާސްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސައުދީ އިންވެސްޓްމަންޓުތައް އިތުރުކުރަން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ދަތުރުން ސައުދީއާއެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމާއި މުހިއްމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ މިންވަރު ރަމްޒުކޮށްދޭ ކަމަށެވެ.
ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި މިހާރު ވެސް ބައެއް މަޝްރޫއުތައް ހިންގަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހަދަން ވެސް ސައުދީ ފަންޑުން ވަނީ އެހީ ހަމަޖައްސައި ދީފަ އެވެ. އެ މަޝްރޫއު އަވަސްކުރަން ވެސް މި ސަރުކާރުން އައި ފަހުން ވަނީ ސައުދީ ފަންޑުން އިތުރު އެހީ ހަމަޖައްސައިދީފަ އެވެ.