29 ޖެނުއަރީ 2025 - 09:43

ރ. އިނގުރައިދޫ، ގދ. ވާދޫ، ނ. މިލަދޫ، އަދި ސ. ފޭދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.
ގދ. ވާދޫ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އަތޮޅު ތަށި ހޯދީ ރޭގެ ފައިނަލުގައި މުހައްމަދު ނާއިލްގެ ހެޓްރިކަކާ އެކު 3-0 އިން ގައްދޫ ބަލިކޮށްފަ އެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދީ ވާދޫގެ ނަޝާހު އަހުމަދު (ނައްޓު) އެވެ.
އިނގުރައިދޫ ވަނީ ފައިނަލްގައި ރ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރު 3-1 އިން ބަލިކޮށްފަ އެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އިނގުރައިދޫގެ އަހުމަދު އައިހަމް (އައިހު) ހޮވުނު އިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އަހުމަދު ހުސާމް (ހުސާންކޮ) އެވެ.
ނ. އަތޮޅުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މިލަދޫ ހޯދީ ފައިނަލްގައި 2-0 އިން ހޮޅުދޫ ބަލިކޮށްފަ އެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލް މެޗުގައި މިލަދޫގެ ދެ ގޯލު ވެސް ޖަހައިދިން ހަސަން އަބްދުއްސަމަދެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ހޮޅުދޫގެ އަބްދުލް ވަދޫދް އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ހިތަދޫ ބަލިކޮށް ސ. އަތޮޅުގެ ތަށި ފޭދޫ ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު، 2-2 އިން އެއްވަރު ވުމުން ޕެނަލްޓީގައި ފޭދޫ ކުރި ހޯދީ 5-4 އިންނެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫގެ ހަސަން ގައްސާބް ލަބީބް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ހިތަދޫގެ މުހައްމަދު ދާނިޝް އިބްރާހިމް އެވެ.
މިދިޔަ އަހަރުގެ ސ. އަތޮޅު ފައިނަލުން ހިތަދޫ މޮޅުވީ ފޭދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.
ކ. އަތޮޅުގެ ސެމީ ފައިނަލްގައި ރޭ ކާށިދޫ ވަނީ 2-1 އިން ގާފަރު ބަލިކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި މި ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކޮށް ތަށި ހޯދީ ގާފަރެވެ.
ދެން ކުޅުނު ސެމީގައި ބައްދަލުކުރީ މާފުއްޓާއި ގުރައިދޫ އެވެ. މި މެޗު 5-1 އިން ކާމިޔާބުކުރީ މާފުއްޓެވެ. މި މެޗުގައި މާފުށީގެ އިސްމާއިލް މަފާޒް އިބްރާހިމް ވަނީ ހެޓްރިކް ހަދައިފަ އެވެ.
މާފުއްޓާއި ކާށިދޫ ބައްދަލުކުރާ މި އަތޮޅުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރެވެ.
މުބާރާތުގައި މިރޭ ތިން އަތޮޅެއްގެ ފައިނަލް ކުޅޭނެ އެވެ. އަށެއް ޖަހާއިރު މ. އަތޮޅު ފައިނަލްގައި ދިއްގަރާއި މުލައް ބައްދަލުކުރާއިރު، ފ. އަތޮޅު ފައިނަލްގައި އެ ވަގުތު ދަރަނބޫދޫ އާއި މަގޫދޫ ބައްދަލުކުރާނެ އެވެ. އަދި 9:30 ގައި ކުޅޭނީ ދ. އަތޮޅު ފައިނަލެވެ. މި މެޗުގައި ބައްދަލުކުރާނީ މާއެނބޫދޫ އާއި ކުޑަހުވަދޫ އެވެ.