28 ޖެނުއަރީ 2025 - 23:36

ސިޔާސީ ފިކުރު މުހިންމު ނޫން ކަމަށާއި ތަރައްގީ އަކީ ސިޔާސީ ކަމެއް ވެސް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަވާނެ ކަމަށާއި މީހެއްގެ ސިޔާސީ ފިކުރު މުހިންމު ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާލު ތަފާތުވިޔަސް ތަރައްގީ ހޯދަންވާނެ ކަމަށާއި ތަރައްގީ އަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.
"ގައުމަށް ގެނެވޭ ތަރައްގީއެއް، ރަށަކަށް ގެނެވޭ ތަރައްގީއެއް، އެއީ ސިޔާސީ ކަމެއް ނޫން. އެއީ އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރީންގެ ދަރީންގެ މުސްތަގުބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއް. އެ ކަމުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަކީ އަމިއްލަ ނަފްސަށް ވެސް ކޮށްދެވޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ދިއްދުއަށް ވަޑައިގަތް އިރު އިދިކޮޅު ފަރާތްތަކުން ދެކޮޅަށް އަޑު އުފުލާފައި ވާއިރު އެކަމަށް އިޝާރާތްވާ ގޮތަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭގެ ވާހަކަފުޅުގައި އެ މަނިކުފާނު ދިއްދޫގެ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައިވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ރަށަށް ވެ ވަޑައިގަތް އެންމެ ބޮޑު ވައުދު ކަމަށްވާ، އެއާޕޯޓް އެޅުމާ ބެހޭ ގޮތުން ވިދާޅުވީ މި އަހަރު މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ދެން ދިއްދުއަށް ވަޑައިގަންނަވާނީ ވެސް އެ އެއާޕޯޓަށް ކަމަށް ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ. އަދި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައި ވާއިރު ދިއްދޫގައި މިރޭ ވަނީ އައިޑީ ކާޑު ޕްރިންޓުކުރަން ފަށައިފަ އެވެ.
ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސްގެ ދަތުރުފުޅުގައި މާދަމާ އާއޮ އަނެއް ދުވަހު ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، ތަކަންދޫ އަދި އުލިގަމަށް ވެސް ވަޑައިގަންނަވާނެ އެވެ.