29 ޖެނުއަރީ 2025 - 06:05

އޮންލައިން ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފަތުރާ މީހުން ތިން އަހަރާ ހަމަޔަށް ޖަލަށް ލެވޭ ގޮތަށް ޕާކިސްތާނުގައި ގާނޫނެއް ހަދައިފި އެވެ.
މި ނިންމުމާ އެކު ނޫސްވެރިން ވަނީ މިއީ އިދިކޮޅު އަޑުތައް ހުއްޓުވުމުގެ ނިޔަތުގައި ކުރި ކަމެއްގެ ގޮތުގައި ސިފަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަޅުގަނޑަށް 'ނޫނެކޭ' އަށް ވުރެ ގިނައިން 'އާނއެކޭ' ބުނި އަޑު އިވިއްޖެ، އެހެންވީމަ ބިލް ފާސްވެއްޖެ،" އިދިކޮޅު ފަރާތްތަކާއި ނޫސްވެރިން، ސެނެޓްގެ ގެލެރީން ނުކުމެ އިހުތިޖާޖު ކުރަމުން ދަނިކޮށް ބިލް ފާސްކުރުމަށް ފަހު ޑެޕިއުޓީ ޗެއާ ސައީދާލް ޚާން ވިދާޅުވި އެވެ.
މި ގާނޫނު ހިނގާނީ އޮންލައިން ވަސީލަތްތަކުން "ދޮގު މައުލޫމާތު ގަސްތުގައި ފަތުރާ މީހުންނަށް" ކަމަށް ގާނޫނުގައިވެ އެވެ. އަދި އެ މައުލޫމާތަކީ ދޮގު ނުވަތަ ފޭކް ކަމަށް ބެލެވޭ ސަބަބުތައް ހުރުމާއި އާންމުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަމާއި ހަމަނުޖެހުން އުފެދިދާނެ ވާހަކައަަކަށް ވުން ވެސް ހިމަނާފައިވެ އެވެ.
ސެނެޓުން މި ބިލް ފާސްކުރީ ނެޝަނަލް އެސެމްބްލީގައި ވަރަށް އަވަސްއަރުވާލައިގެން ފާސްކުރުމަށް ފަހުގަ އެވެ. ދެން އޮންނާނީ ރައީސް މި ބިލް ތަސްދީގުކުރެއްވުމެވެ.