12 މާޗް 2017 - 06:06

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައި އެވެ.
މި ފިލްމް ސިނަމާ އަށް އަންނާނީ އަންނަ މަހުގެ ފަހެއްގަ އެވެ.
"މީ ލޯތްބަކީ" އަކީ ހެއްވާ މަޖާ ގިނަ ހާދިސާތަކަކާ އެކު ބެލުންތެރިން ހެއްވާލައި، ލޯބީގެ މަޖާ ކަންތައްތަކެއްގެ އިތުރުން ބެލުންތެރިން ރޮއްވައި ވެސް ލާނެ ފިލްމަކަށް ވެސް ވެދާނެ ކަމަށް ފިލްމުގެ ފުރަތަމަ ޓްރެއިލާއިން ހީވެ އެވެ.
އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޗިއްޕެ އެވެ. މިއީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯފި "ވާށޭ މަށާއެކީ" އަށް ފަހު ޗިއްޕެ ޑައިރެޓް ކުރި ދެވަނަ ފިލްމެވެ.
އެހެންވެ ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ.
ޑާކް ރެއިނުން ބުނީ ބޮޑު ކާސްޓެއް ހިމެނޭ "މީ ލޯތްބަކީ" ވެގެން ދާނީ "ވާށޭ މަށާއެކީ" އަށް ވުރެ ހުރިހާ ގޮތަކުން ވެސް ބެލުންތެރިން ގަޔާވާނެ ފިލްމަކަށް ކަމަށެވެ.
މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ.
"މީ ލޯތްބަކީ" އިން ވާށޭ މަށާއެކީ" އިން ފެނިގެން ދިޔަ ސަޕޯޓުން ކާސްޓް އެއްކޮށް ކަހަލަ ގޮތަކަށް ފެނިގެންދާ އިރު، މި ފިލްމުން މި ފަހަރު އަނެއްކާ ވެސް އާ މޫނުތަކެއް ޑާކް ރެއިނުން ފިލްމީ ދާއިރާ އަށް ތައާރަފު ކުރާނެ އެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލި އިރު، އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ ފިލްމުގެ އެއް ލަވަ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.
"މީ ލޯތްބަކީ" ގެ ޓިކެޓް މިހާރު އަންނަނީ ބުކްކޮށް ދެމުންނެވެ.