ރޯދައަށް ގެތަކުން ނެރޭ ތަކެތި ހަދިޔާކުރަން އެޗްޑީސީގެ ކެމްޕެއިނެއް
ރޯދައަށް ގެތަކުން ނެރޭ ތަކެތި ހަދިޔާކުރަން އެޗްޑީސީގެ ކެމްޕެއިނެއް

ގޭގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ރޯދަ މަހާ ދިމާކޮށް އުކާލުމުގެ ބަދަލުގައި އެ ތަކެތި ހަދިޔާކުރުމަށް "އެއް ގެއިން އަނެއް ގެއަށް" ނަމުގައި އެޗްޑީސީން ކެމްޕެއިނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ރޯދައަށް ތައްޔާރުވުމަށް ގޭތެރޭގެ އާބާތުރަ ފިލުވުމަށް ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެއް ނަމަވެސް އުކާލާ ތަކެތީގެ ތެރޭގައި އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނޭ ކަމަށެވެ.

އެހެންވެ އެޗްޑީސީން، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތުގައި އެއް ގެއިން ބޭނުން ނުވާ ތަކެތި، އެ ބޭނުންވާ ގެއަކަށް ހަދިޔާކުރުމުގެ މަގު ފަހިވާނެ އެވެ.

ރަސްމީ ދުވަސްތައް އަދި ހުކުރު ދުވަހު ތަކެތި ހަވާލުކުރާނީ މެންދުރު ފަހު 3-6 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10 އިން ހަވީރު 6 އަށެވެ.

އެ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެ ނަމަ އެ ތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ މީހުން ދެނެގަތުމަށް ފަހު، އެ މީހުންނަށެވެ.

އޭގައި، ހުޅުމާލޭގެ ކޮންމެ ގެއަކުން ވެސް ތަކެތި ހަދިޔާ ކުރެވޭނެ އެވެ. އަދި އެކަމުގެ ތެރެއިން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް ކަމަށް އެޗްޑީސީން ބުންޏެވެ.

"މި ޕްރޮގުރާމުގެ މަގްސަދަކީ ރަމަޟާން މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ،" އެ ކުންފުނިން ބުންޏެވެ.

އެ ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅަން ވަނީ އެދިފަ އެވެ.