މަޖިލިސް ރައީސް ވަކިކުރުމުގެ މަސައްކަތެއް ނުހިނގާ: ފަލާހު
މަޖިލިސް ރައީސް ވަކިކުރުމުގެ މަސައްކަތެއް ނުހިނގާ: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް އަބްދުﷲ ވަކި ކުރުމުގެ މަސައްކަތެއް ނުހިނގާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ އެކު ރައީސާއި އަބްދުއްރަހީމްއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި މަޖިލިސް ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރަން އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.

އެ މައްސަލާގައި "މިހާރު"ން ސުވާލު ކުރުމުން ފަލާހު ވިދާޅުވީ އެފަދަ އެއްވެސް މަސައްކަތެއް ޕީޖީގެ ތެރޭގައި ނުހިނގާ ކަމަށެވެ.

"ސްޕީކާ ވަކި ކުރުމުގެ މަސައްކަތެއް ނުކުރޭ. އެފަދަ އެއްވެސް މަސައްކަތެއް ނުހިނގާ،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް އެހެން މެންބަރުން ވެސް ވަނީ އެފަދަ މަޝްވަރާއެއް ރަސްމީ ގޮތެއްގައި އަދި ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

ފައިސަލް ވަކި ކުރި މައްސަލާގައި އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ ފުރިހަމަ އިހުލާސްތެރިކަމާއެކީގައި ކަމަށެވެ. އަދި ފައިސަލް ކުރެއްވި މަސައްކަތަށް ފަހުރުވެރިވާ ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.