28 ޖެނުއަރީ 2025 - 12:51

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ވިއެޓްނާމްގެ ނެޓްވޯކެއް އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި، ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ފަސް ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ވިއެޓްނާމްގެ ހަތަރު އަންހެނުންނާއި އެ ގައުމުގެ ފިރިހެނެކެވެ. އަދި އެ ފިރިހެން މީހާއަކީ ހަށިވިއްކަމުން ދިޔަ އަންހެނުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ފަސް މީހުންގެ ވަނަވަރު އާންމުކޮށް، އިމިގްރޭޝަނުން އިތުރަށް ބުނީ މީގެ ތެރެއިން ތިން އަންހެނަކު ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގައި ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްފަހު އެކަކު މި މަހުގެ 17 ވަނަ ދުވަހު ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަން ޑިޓެންޝަނުގައި މިވަގުތު ބާކީ ތިބި މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، މި މަހުގެ ކުރީކޮޅު ވެސް ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ވިއެޓްނާމްގެ ދެ އަންހެނަކު އަތުލައިގަނެ، ޑީޕޯޓުކޮށްފައިވެ އެވެ.