27 ޖެނުއަރީ 2025 - 10:53

ޓޫރިސްޓު ވިސާގައި ރާއްޖެ އައި ޗައިނާގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ގެއްލިގެން ހޯދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޓޫރިސްޓް ވިސާގައި ރާއްޖެ އައި ސޫ ޒިއޯނިން، 30، އެވެ.
ސޫ ޒިއޯނިން ރާއްޖެ އައިފަހުން އާއިލާއަށް ހަބަރެއް ނުވެ އެވެ. ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ އާއިލާ އިން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ފުލުހަށް ހުށަހެޅި މައްސަލަ ބަލަމުންދަނީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ބެލިބެލުމުން އޭނާ މާލޭގައި ހުރި ގެސްޓްހައުސް އިން އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް އޭނާ ހޯދަން މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭ ތަނެއް ހޯދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސޫ ޒިއޯނިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.