ފަހު ވަގުތުގެ ޕެނަލްޓީން ޔުވެންޓަސް އިން މިލާން ބަލިކޮށްފި
ފަހު ވަގުތުގެ ޕެނަލްޓީން ޔުވެންޓަސް އިން މިލާން ބަލިކޮށްފި

ޓިއުރިން (މާޗް 11) - ފަހު މިނިޓްގައި ޕައޮލޯ ޑީބަލާ ވައްދާލި ޕެނަލްޓީން 2-1 އިން އޭސީ މިލާންގެ މައްޗަށް އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް ކުރި ހޯދައިފި އެވެ.

މި މޮޅާ އެކު ޔުވެންޓަސް ލީގުގެ އެއް ވަނައިގައި ވަނީ 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޔުވެންޓަސް އެއް ވަނައިގައި އޮތީ 28 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރޯމާ އާދިއްތަ ދުވަހު ކުޅޭނީ ޕަލާމޯއާ އެވެ. ރޯމާ މި ވަގުތު އޮތީ 27 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގެ 30 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ބަޔާން މިއުނިކްގެ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ މެހެދީ ބެނަޝިއާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މިލާނަށް އެއްވަރުކޮށްދިނީ ކާލޮސް ބަކާ އެވެ.

ރޭގެ މެޗުގައި މިލާންގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ ޔުވެންޓަސް އިން ފޮނުވާލި ގިނަ ހަމަލާރައް ދިފާއުކޮށްފަ އެވެ. އޭގެ ތެރޭގައި ގޮންޒާލޭ ހިގުުއައިން އާއި ކާލޮސް ޖާކާ އަދި މިރަލެމް ޖަނިޗް ފޮނުވާލި ޝޮޓްތައް ހިމެނެ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި މިލާންގެ ހޯސޭ ސޯސާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. ޔުވެންޓަސް އަށް ޕެނަލްޓީ ލިބުނީ އޭގެ ދެ މިނިޓް ފަހުން އޭރިއާ ތެރެއިން މިލާންގެ މަޓިއާ ޑި ޝީލިއޯ އަތުގައި ބޯޅަ ޖެހުމުންނެވެ. ޔުވެންޓަސް އަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑީބަލާ އެވެ. މި ޕެނަލްޓީއާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ އެ ޓީމުން ޖެހި ޕެނަލްޓީ އޭނާ އަށް ނުފެންނަ ކަމަށެވެ.

"އަހަރެން ހުރީ ޓަނަލް ތެރޭގައި. ޕެނަލްޓީ ޖެހިތަން ނުދެކެން. އެއްވަރެއް ކަމަށް ނިންމައިގެން ހުއްޓައި މޮޅުވީމަ ވަރަށް ހިތްހަމަ ޖެހިއްޖެ،" އަލެގްރީ ބުންޏެވެ.

މިލާންގެ ކޯޗު ވިންޗެންޒޯ މޮންޓެއްލާ ބުނީ މެޗުގެ އިތުރު ވަގުތު ކުޅެވުނު ގޮތާ ޕެނަލްޓީއާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށެވެ.