27 ޖެނުއަރީ 2025 - 09:07

ފައިނަލުގައި ލިތޯފް އަހުމަދު ފިރާގު ޖަހައިދިން ހަމައެކަނި ގޯލުން 1-0 އިން ފެލިދޫ ބަލިކޮށް ކެޔޮދޫން ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވ. އަތޮޅުގެ ތަށި ދިފާއުކޮށްފި އެވެ.
ރޭ ކުޅުނު ފައިނަލް މެޗަށް ފަހު ވ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ ފައިނަލްގައި ގޯލު ޖެހި ލިތޯފް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ކެޔޮދޫގެ އަހުމަދު ރަޝީދު (އަންމަޑޭ) އެވެ.
ހަތަރު ޓީމު ވާދަކުރި ޅ. އަތޮޅުގެ ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ރޭ ކުޅެފައި ވާއިރު، އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދީ ނައިފަރެވެ. އަދި ދެ ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރީ ކުރެންދޫ އެވެ.
ރޭ ކުރެންދޫއާ ވާދަކޮށް ނައިފަރު ވަނީ 3-1 އިން މޮޅުވެ، ހަތް ޕޮއިންޓް ހޯދައިފަ އެވެ. ކުރެންދޫ އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އަހުމަދު އަބްދުﷲ (ލިލީ) ގެ ހެޓްރިކަކާ އެކު 6-5 އިން ހިންނަވަރުން އޮޅުވެލިފުށި ބަލިކޮށް ހަތަރު ޕޮއިންޓް ހަމަކުރި ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބުނީ ކުރެންދޫ އަށެވެ.
ނައިފަރާއި ކުރެންދޫ ބައްދަލުކުރާ ޅ. އަތޮޅު ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ރޭ 9:30 ގަ އެވެ.
އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ތިމަރަފުށި ވަނީ ރޭގެ ސެމީ ފައިނަލްގައި 2-0 އިން ވޭމަންޑޫ ބަލިކޮށްފަ އެވެ. ދެ ވަނަ ސެމީގައި ހިރިލަންދޫ ވަނީ މުހައްމަދު ނިޝާހުގެ ހެޓްރިކަކާ އެކު 4-3 އިން އޮމަދޫ ބަލިކޮށްފަ އެވެ.
ތިމަރަފުއްޓާއި ހިރިލަންދޫ ބައްދަލުކުރާ ތ. އަތޮޅު ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8 ޖަހާއިރެވެ.
ލ. އަތޮޅުގެ ސެމީ ފައިނަލުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ގަން ވަނީ މުންޑޫއާ ވާދަކޮށް 2-1 އިން މޮޅުވެފަ އެވެ. ފައިނަލްގައި ގަމާ ދެކޮޅަށް ނުކުންނާނީ ރޭ 2-1 އިން މާބައިދޫ ބަލިކުރި އިސްދޫ އެވެ.
މިދިޔަ އަހަރުގެ ލ. އަތޮޅު ފައިނަލްގައި ވެސް ވާދަކުރީ މި ދެ ޓީމެވެ. މިއަހަރުގެ އަތޮޅު ފައިނަލްގައި ގަމާއި އިސްދޫ ބައްދަލުކުރާނީ ބުރާސްފަތި ދުވަހުގެ ރޭ 8 ޖަހާއިރެވެ.
މުބާރާތުގައި މިރޭ އދ. އަތޮޅާއި ގއ. އަތޮޅު ފައިނަލް މެޗު ކުޅޭނެ އެވެ. އެއަށް ފަހު ކުރިއަށް ދާނީ ހއ. އަތޮޅާއި ހދ. އަތޮޅު ސެމީ ފައިނަލް މެޗުތަކެވެ.