26 ޖެނުއަރީ 2025 - 21:21

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ފުޅާކޮށް ވަރުގަދަ ކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެއް ވިސްނުމެއްގައި ހުންނެވި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އުފެދިފައި އޮތް ގާތް ރަހުމަތްތެރި ގުޅުން ބިނާވެފައި އޮތީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި ގަދަރާއި އިތުބާރުގެ މައްޗަށެވެ.
އެއާ އެކު، ދެ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި، މި ގުޅުން މި ސަރުކާރުގައި ވެސް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އިންޑިއާ ސަރުކާރަށް އަރުވައިފަ އެވެ.
ރައީސްގެ އެ ޕޯސްޓާ ގުޅިގެން، މޯދީ ޝުކުރު އަދާކުރައްވައި ޖަވާބުގައި ކުރެއްވި ޕޯސްޓްގައި ވަނީ، ދެ ގައުމުގެ ގުޅުމާބެހޭ ގޮތުން ރައީސް މުއިއްޒު ފާޅުކުރެއްވި ޝުއޫރުތައް ހިއްސާކުރައްވައި، އެއް ވިސްނުމެއްގައި ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
"މި އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ފުޅާކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" މޯދީ ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަސްކޮޅު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް، ދެ ސަރުކާރުން ވެސް މަތީފަންތީގެ ބައްދަލުވުންތަކާއި ދަތުރުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކުން އެ ގުޅުން މިހާރު ވަނީ އަލުން އިޔާދަކޮށްފަ އެވެ.
މިގޮތުން، ރައީސް މުއިއްޒު ވެސް ވަނީ މިދިޔަ އަހަރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި އޭގެ ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ވެސް ވަނީ ރަސްމީ ދަތުރުތައް އިންޑިއާއަށް ކުރައްވައިފަ އެވެ.
މީގެއިތުރުން، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ވެސް މިދިޔަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ.
އެ ދަތުރުތަކުގެ ތެރެއިން، މަތީފަންތީގެ މަޝްވަރާތައް ބާއްވައި، އިންޑިއާ އިން ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް ދެމުންދާ އެހީތައް ވެސް އިތުރުކޮށްފަ އެވެ.
މިގޮތުން، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް، އިންޑިއާގެ އެސްބީއައި އިން ގަނެފައިވާ ޓީ-ބިލުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ އިތުރުން، 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ.