26 ޖެނުއަރީ 2025 - 20:24

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދަށުން އާންމުން ޣައްޒާގެ އުތުރުގައި އަލުން އުޅެން ފެށުމުގެ ހުއްދަ ދޭން ނިންމާފައި އޮތަސް، އެ ސަރަހައްދަށް ދާން އުޅުނު އެތައް ލައްކަ ބަޔަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ހުރަސްއަޅައިފި އެވެ.

"ގެދޮރު ގެއްލުނު އެތައް ހާސް ބަޔަކު ނެޓްޒާރިމް ކޮރިޑޯ ކައިރީގައި އިންތިޒާރު ކުރަމުން ދަނީ އެނބުރި ޣައްޒާގެ އުތުރަށް ދިއުމަށް،" ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބާސަލް އޭއެފްޕީއަށް ވިދާޅުވި އެވެ.

އަނާ އަސްފް (ނެޓްޒާރިމް) ގައި އިޒްރޭލުގެ އަސްކަރިއްޔާއިން ގާއިމުކޮށްފައިވާ ހުރަސްތަކުގެ ކައިރީގައި ތިން ދިމާލަކުން އެތައް ސަތޭކަ މީޓަރަކަށް މީހުން ކިއޫގައި އެބަތިބި ކަމަށް އޭއެފްޕީން ބުންޏެވެ. ނެޓްޒާރިމް ކޮރިޑޯއަކީ އިޒްރޭލުގެ ބޯޑަރުން ފެށިގެން މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް ޣައްޒާ ބައިބައިކޮށް، އިޒްރޭލުން އަސްކަރީ މައިދާނަކަށް ހަދާފައިވާ ހަތް ކިލޯމީޓަރު (4.3 މޭލު) ގެ ސަރަހައްދެކެވެ. މި ކޮރިޑޯގެ ސަބަބުން އުތުރުގެ ސަރަހައްދުތައް އެހެން ހިސާބުތަކާ ވަކިވެ އެވެ.
ޣައްޒާގެ އުތުރުން ބޭރުކޮށްލި މީހުން އެނބުރި ދިއުމުގެ ހުއްދަ ދޭން އިޒްރޭލުން އެއްބަސް ވިޔަސް މިހާރު އެކަމަށް ދެކޮޅުހަދަމުންދަނީ ރަހީނަކު މިނިވަންކުރުމާ ގުޅޭ ގޮތުން އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ހައްލު ނުކުރެވިގެން އުޅޭ މައްސަލައަކާ ހެދި އެވެ.
ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓާ ޖެނެރަލް އިސްމާއިލް އަލް ތަވާބްތާހް ވެސް ވިދާޅުވީ ޣައްޒާގެ އުތުރަށް ދާން އޮންނަ ސަރަހައްދުގައި އެތައް ހާސް ބަޔަކު އިންތިޒާރުގައި އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުން ހުރަސްއަޅާތީ އެތެރެއަށް ނުވަދެވި ތިބި މީހުންގެ އަދަދު 615،000 އާއި 650،000 އާ ދެމެދުގައި އުޅޭނެ ކަމަށެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަމަލުކުރަން ފެށި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން ވަނީ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން ކޮރިޑޯ ހުރަސްކޮށް އެ މީހުންގެ ގެތަކަށް އެނބުރި ދިއުމަށް ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ. ހަމާސްގެ އޮފިޝަލުން ވަނީ ހޮނިހިރު ދުވަހު އެކަން ވާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި ހަމާސް އިން ވަނީ އިޒްރޭލަށް ހަމަލާ ދިން ދުވަހު ރަހީނުކުރި މީހެއް ކަމަށްވާ އަރްބެލް ޔަހޫދު ހޮނިހިރު ދުވަހު ދޫކޮށްލާނެ ކަމަށް ބުނުމަށް ފަހު އެއްބަސްވުމާ ހިލާފް ވެފަ އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްބަސްވުމުގެ ދަށުން ޔަހޫދު ދޫކޮށްލަންޖެހެނީ އެއީ "މަދަނީ އަންހެނަކަށް ވާތީ" ކަމަށާއި އެކަން "މިއަދު" ވާންޖެހޭނެ އެވެ.
"ޣައްޒާގެ އުތުރުގެ ސަރަހައްދަށް ޣައްޒާގެ ރައްޔިތުން ދަތުރުކުރުމުގެ ފުރުސަތެއް، އަރްބެލް ޔަހޫދު ދޫކޮށްލުމުން ނޫނީ ނުދޭނެ" ކަމަށް އެ ބަޔާނުގައިވެ އެވެ.
ހަމާސްގެ ދެ އޮފިޝަލަކު ހޮނިހިރު ދުވަހު އޭއެފްޕީއަށް ވިދާޅުވީ ޔަހޫދުގެ ގަދަވެ ސަލާމަތުން އެބަހުރި ކަމަށެވެ. އޭނާ ދޫކޮށްލާނީ އަންނަ މަހުގެ 1 ވާ ހޮނިހިރު ދުވަހު ކަމަށް އެހެން އޮފިޝަލަކު ވިދާޅުވި އެވެ.
އިޒްރޭލުން އުތުރުގެ ސަރަހައްދަށް އާންމުން އެނބުރި ދިެުމަށް ހުރަސް އެޅުމަކީ އެއްބަސްވުމާ ހިލާފުވުން ކަމަށާއި ޔަހޫދު މިނިވަންކުރާނެ ކަމުގެ ހުރިހާ ޔަގީންކަމެއް އިޒްރޭލަށް ދީފައިވާ ކަމަށް ވެސް ހަމާސް އިން ބުންޏެވެ. -- އޭއެފްޕީ