ރާއްޖޭގެ މުސްތަގުބަލަށް އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަން ޖެހޭ: ރައީސް
ރާއްޖޭގެ މުސްތަގުބަލަށް އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަން ޖެހޭ: ރައީސް

ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، އިޔާދަކުރަނިވި ހަކަތަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ސާފު ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބިންތިރި ޖަޒީރާ ގައުމުތަކަށް ކަމަށްވާތީ ރާއްޖެއިން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ މުސްތަގުބަލަށްޓަކައި ކޮންމެހެން ލާޒިމު ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ.

ރާއްޖޭގައި ބޭނުންކުރާ ކަރަންޓު ހަކަތައިގެ 33 ޕަސެންޓު 2028 ނިމޭއިރު އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ މިސަރުކާރުގެ ވަރުގަދަ އަޒުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގު ޗާޓުގައި ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ އިތުބާރު ހިފޭ، ދެމެހެއްޓެނިވި ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަކީ ވެސް މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާއިން މުހިއްމު ދައުރެއް އަދާކުރެ އެވެ. އެގޮތުގައި ދެމި ތިބުމަށް ހިތްވަރު ދެއްވައި އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތަކުގެ ސަބަބުން ބައިނަލްއަގްވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ހާސިލުވުމާއި ހަކަތައިގެ ރައްކާތެރިކަމާއި އިގްތިސާދު ހަރުދަނާވާނެ ކަމަށެވެ.

ރައީސްގެ މެސެޖުގައި ވަނީ އިޔާދަކުރަނިވި ހަކަތައިގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންދޭ އެހީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. ކުދި ގައުމުތަކަށް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.