26 ޖެނުއަރީ 2025 - 14:44

ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ސީސަން 1 ލޯންޗްކޮށް، "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" އިއުލާނުކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި ޑީއެމްޖީސީ ޗެމްޕިއަންޝިޕް ފަރުމާކޮށްފައިވާ ފޯ-ގޭމް ފޯމްޓްގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއް ތަނަކަށް ގެނެސް، އެ ކުޅުންތެރިންގެ ތަފާތު ހުނަރުތައް ދައްކާލުމަށް ފުރުސަތު ލިބިގެންދާނެ ގޮތަށެވެ.
މިއަހަރުގެ ޑީއެމްޖީސީގައި ކުޅޭ ގޭމުތަކުގެ ތެރޭގައި "ޕަބްޖީ" އާއި "މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް" ހިމެނެ އެވެ. އަދި އެ ޗެމްޕިއަންޝިޕުގައި އަލަށް ކުޅޭ ގޭމެއްގެ ގޮތުގައި "ރޮކެޓް ލީގް" އާއި "އެފްސީ 25" މިފަހަރު ވަނީ ހިމަނައިފަ އެވެ.
އެ ޗެމްޕިއަންޝިޕުގައި ކޮންމެ ގޭމަކަށް ހާއްސަ މުބާރާތްތައް ކުރިއަށް ދާނެ އެވެ. އޭގެ ތެރޭގައި "ޕަބްޖީ މޮބައިލް ކޮލިފައި"ގެ އެންމެ ގަދަ 16 ގެ ފޯރިގަދަ މުބާރާތާއި މޮބައިލް ލެޖެންޑްސްގެ އެންމެ ގަދަ ހަތް ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުތައް ހިމެނެ އެވެ. އޭގެ އިތުރުން، ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ ޓޫ-އޮން-ޓޫ މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އަދި އެފްސީ 25 ގައި އަމިއްލަ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު އެ ޗެމްޕިއަންޝިޕުގައި ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެކި ފެންވަރުގެ ގޭމަރުންނަށް އެ ޗެމްޕިއަންޝިޕުގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ޗެމްޕިއަންޝިޕްގެ މެއިން އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު މާލޭގަ އެވެ.
ދިރާގުން ގޭމަރުންނަށް ހާއްސަކޮށް ލޯންޗުކުރި ޑީޖީޖީ ޕްލެޓްފޯމުގައި 4000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެ ޕްލެޓްފޯމު މެދުވެރިކޮށް ޑީއެމްޖީސީއާ ގުޅޭ އިތުރު މައުލޫމާތުތައް ލިބޭނެ އެވެ.