13 ޖޫން 2016 - 22:19

ހެންވޭރުކޮޅު ނޫރު މިސްކިތް ކައިރީގައި މިރޭ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
މަންޒަރު ދުށް މީހަކު ބުނީ ބަޔަކު ގޮސް މީހެއްގެ ގަޔަށް ވަޅި ހެރުމާ އެކު އޭނާގެ ގައިން ވަރަށް ގިނައިން ލޭ އައި ކަމަށާއި ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އެ ސަރަހައްދުގައި ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލެވިފައިވާ ގޮތުގައި މިއީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށެވެ. އަދި ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބޮލުގެ ދެ ތަނަކަށާއި އަތަށް ވަނީ ވަޅި ހަރައިފަ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ މާރާމާރީއެއްގައި ޒަހަމްވި 21 އަހަރުގެ މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އެ ހޮސްޕިޓަލަކުން ނުދެ އެވެ.