26 ޖެނުއަރީ 2025 - 09:28

އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމު ބަލިކޮށް މިލަންދޫ އިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ށ. އަތޮޅުގެ ތަށި ކާމިޔާބުކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު 1-1 އިން އެއްވަރު ވުމުން ޖެހި ޕެނަލްޓީގައި މިލަންދޫ ކުރި ހޯދީ 3-1 އިންނެވެ.
ށ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މިލަންދޫގެ އަހުމަދު ޝާނީ އެވެ.
ނ. އަތޮޅުގެ ފައިނަލްގެ ފަހު ޖާގަ ހޯދީ އިއްޔެ ވެލިދޫއާ ވާދަކޮށް 6-1 އިން މޮޅުވި މިލަދޫ އެވެ. މިލަދޫ ފައިނަލްގައި ވާދަކުރާނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ހޮޅުދޫއާ އެވެ.
ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 10:30ގަ އެވެ. އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ކެނދިކުޅުދޫ މިއަހަރުގެ މުބާރާޓުގައި ވާދައެއް ނުކުރެ އެވެ.
ބިލެތްދޫ ވަނީ ރޭ ފީއަލި އާ ވާދަކޮށް 6-0 އިން މޮޅުވެ، ހަތް ޕޮއިންޓް ހޯދައިފަ އެވެ. މި މެޗުގައި އެ ޓީމުގެ ނަދީފް އިބްރާހިމް ހެޓްރިކް ވެސް ހެދި އެވެ.
ނަމަވެސް މި އަތޮޅުގެ ދެން ކުޅުނު މެޗުގައި ދަރަނބޫދޫ އާއި މަގޫދޫ 1-1 އިން އެއްވަރު ވުމުން، އަތޮޅު ފައިނަލްގެ ފަހު ޖާގަ ލިބުނީ އަށް ޕޮއިންޓް ލިބުނު މަގޫދޫ އަށެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލްގެ ޖާގަ ހޯދީ ދަރަނބޫދޫ އެވެ.
ދަރަނބޫދޫ އާއި މަގޫދޫ ބައްދަލުކުރާ ފ. އަތޮޅު ފައިނަލް މެޗު ކުޅޭނީ ބުދަ ދުވަހުގެ ރޭ 10 ޖަހާއިރެވެ.
އޭދަފުށި ވަނީ ރޭ 2-0 އިން ފެހެންދޫ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދައިފަ އެވެ. ފެހެންދޫ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރު ބ. އަތޮޅު ފައިނަލްގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ތުޅާދޫ އެވެ.
ކުޑަހުވަދޫ ވަނީ ރޭ 11-2 އިން ބަނޑިދޫ ބަލިކޮށް، ދެ ވަނަ ޓީމުގެ ގޮތުގައި އަތޮޅު ފައިނަލުން ޖާގަ ހޯދައިފަ އެވެ. މި މެޗުގައި އެޓީމުގެ ހުސެއިން އިފްހާމް ވަނީ ހެޓްރިކް ހަދައިފަ އެވެ.
ބުދަ ދުވަހުގެ ރޭ 9:30 ގައި ކުޅޭ ދ. އަތޮޅު ފައިނަލުގައި ކުޑަހުވަދޫ ނުކުންނާނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި މާއެނބޫދޫއާ ދެކޮޅަށެވެ.
ދިއްގަރު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލްގައި 4-1 އިން މުލި ބަލިކޮށްފަ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މުލައް ވަނީ ރޭ 3-0 އިން ކޮޅުފުށި ބަލިކޮށްފަ އެވެ.
ދިއްގަރާއި މުލައް ބައްދަލުކުރާ މ. އަތޮޅު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ރޭ 8 ޖަހާއިރެވެ.
މުބާރާތުގައި މިރޭ ވ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނެ އެވެ. އެއަށް ފަހު ޅ. އަތޮޅު ބުރުގެ ދެ މެޗު ކުޅުމަށް ފަހު ތ. އަތޮޅާއި ލ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.