25 ޖެނުއަރީ 2025 - 22:29

ސާކްގެ ގައުމުތަކުގައި މިވަގުތު ހުރި މައްސަލަތަކާއި ހައްލުތަކުގެ މައްޗަށް ދަރިވަރުންގެ ނަމޫނާ ސާކް ސަމިޓެއް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މިއަދު ބާއްވައިފި އެވެ.

ފުރަތަމަ ފަހަރަށް މޮޑެލް ސާކް ސަމިޓެއް އަހްމަދިއްޔާ އިން މި ބޭއްވީ ސާކް ސަމިޓްގެ ހުރިހާ އިންތިޒާމްތަކެއް ހިމަނައިގެންނެވެ. މި ސަމިޓުގައި އަށް ގައުމެއްގެ އިސްވެރިންނާއި މަންދޫބުންގެ ގޮތުގައި ދަރިވަރުން ތަމްސީލްކުރި އެވެ.

އެއީ ރާއްޖެ އާއި ސްރީލަންކާ އާއި އިންޑިއާ އާއި ޕާކިސްތާނާއި ބޫޓާނާއި ނޭޕާލާއި އަފްގާނިސްތާންގެ އިތުރުން ބަންގްލަދޭޝް އެވެ.

ފޮރިން މިނިސްޓްރީގެ އެހީތެރިކަމާ އެކު އަހްމަދިއްޔާ އިން ކުރިއަށް ގެންދިޔަ ސަމިޓުގައި، ގައުމުތަކުގެ ތަމްސީލްވުން ވަރަށް ފުރިހަމައަށް ވަނީ ދައްކުވައިދީފަ އެވެ.

ސަމިޓުގައި ދަރިވަރުން ވަނީ ސާކް އަށް ގައުމުގެ އަށް ލީޑަރުންނާއި އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި ފޮރިން ސެކެޓްރީންނާއި ކޮންމެ ގައުމެއްގެ ސާކް ޑެސްކުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅަކު ސަމިޓްގައި ތަމްސީލްކޮށްފަ އެވެ.

އޭގެ އިތުރުން ދަރިވަރުން ވަނީ ސާކްގެ ސެކްރެޓަރީ ޖެނެރަލާއި ސެކްރެޓަރީީ ޖެނެރަލްގެ އެޑްމިން އަދި އަށް ގައުމުގެ ޑިރެކްޓަރުންގެ ރޯލު ވެސް ދައްކުވައިދީފަ އެވެ.

ސާކްގެ ގައުމުތައް ތަމްސީލުކުރި ދަރިވަރުން ވަނީ އެ ގައުމުތަކުގެ ފަރާތުން ސްޓޭޓްމަންޓް އިއްވައިފަ އެވެ. މި ސްޓޭޓްމަންޓްތަކުގައި ތިމާވެއްޓާއި އިގްތިސާދާއި ހައްގުތަކާއި ސައުތު އޭޝިއާ ސަރަހައްދުގެ ކުރިއެރުމުގެ މައްޗަށް ވާހަކަ ދެއްކި އެވެ. މި މައްސަލަތަކާ އެކު ގައުމުތަކަށް ހޯދޭނެ އެކަށީގެންވާ ހައްލުތަކެއް ވެސް ދަރިވަރުން ހުށަހެޅި އެވެ.

އޭގެ ތެރޭގައި، ގައުމުތަކުގައި ހުރި މައްސަލަތަކުން އަރައިގަތުމަށް އެހީވުމަށް އެކި ފަންޑްތައް ހެދުމާއި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީގެން ކުރިއެރުމަށް މަސައްކަތް ކުރުމުގެ މައްޗަށް ދަރިވަރުން ވާހަކަ ދެއްކި އެވެ.

މި ސަމިޓް ޝަރަފްވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ. މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ދަރިވަރުންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ދަރިވަރުންގެ ދިރާސާތަކާއި ސަމިޓުގެ ހުށަހެޅުންތަކާއި އިންތިޒާމްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. މިފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ތައުލީމީ ހަޔާތުގައި މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ ހަރަކާތްތައް ސްކޫލް ކަރިކިއުލަމްގައި ހިމެނުން ވެސް މުހިއްމު ކަމަށެވެ. އަހްމަދިއްޔާ އިން ބޭއްވި ސާކް ސަމިޓަކީ ހާރިޖީ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރިވާނެ އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާގެ ކުރިއެރުމަށް ވެސް މުހިއްމު ކަމެއް ކަން ފާހަގަ ކުރެއްވި އެވެ.
ކިޔެވުމުގައި އާ ކަންތައްތައް ދަސްކުރުމުގައި ދެމިތިބެން ޖެހޭ ކަމަށާއި ގައުމުގެ މާދަމާގެ މުސްތަގްބަލަކީ މިހާރުގެ ދަރިވަރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިފަދަ ކަމެއް، ސްކޫލުން އިސް ނަގައިގެން ކުރުމަކީ އެ ދަރިވަރުންގެ މުސްތަގުބަލް އުޖާލާވެ، ކުރިއަރާނެ ކަމެއް. އެކި ގައުމުތައް ތަމްސީލު ކުރުމަކީ އެ ދަރިވަރުންގެ ސިކުނޑިތައް ހެދިބޮޑުވުމަށް ވަރަށް މުހިންމު ކަމެއް. މިފަދަ ތަޖުރިބާތަކުން ދަރިވަރުންނަށް ވަރަށް ގިނަ ކަންކަން ހާސިލްވާނެ،" އަހްމަދިއްޔާގެ ކުރީގެ ދަރިވަރު، މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.
މިފަދަ ހަރަކާތެއް ސްކޫލުގައި ފެއްޓެވީތީ މިނިސްޓަރު ވަނީ އަހުމަދިއްޔާ ސްކޫލްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އަހްމަދިއްޔާ އިން ބޭއްވި ސަމިޓުގައި އިސްކޮށް އުޅުއްވި ސްކޫލުގެ ހިސްޓްރީ ޓީޗަރު މުހައްމަދު ސަލީމް "މިހާރު" އަށް ވިދާޅުވީ ނިސްބަތުން ރާއްޖެ ކުޑަޔަސް ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހިރާއްޖޭގެ މިޝަންތައް ގިނަވެ އަދި ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރާ އާބާދީ ވަރަށް ބޮޑުވެއްޖެ ކަމަށެވެ.
ސްކޫލް ނިންމާ ދަރިވަރުން ވެސް އެ ދާއިރާއާ ގުޅޭ ކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ ސްކޫލް މާހައުލުން ނުކުންނައިރު ދަރިވަރުންނަށް "ދުނިޔެ ދަސްވާންޖެހޭ" ކަމަށެވެ. ޑިޕްލޮމެޓިކް ދާއިރާއާ ގުޅޭއިރު އެ ދާއިރާގައި ކަން ހިނގާ ގޮތާއި ހުރި މައްސަަލަތައް ދަރިވަރުންނަށް ދުރާލައި އެނގި، ތަޖުރިބާ ލިބިފައި ތިބުން މުހިއްމު ކަމަށް ސްކޫލުން ދެކޭ ކަމަށް ވިދާޅުވި އެވެ.
"އަހްމަދިއްޔާ އިން މިކަން ފަށަން ވިސްނިއިރު ވެސް، ގަބޫލުކުރީ މިއީ ވަރަށް މުހިއްމު ދާއިރާއެކޭ. އެހެންވެ ފުރަތަމަ ބޭއްވީ ޔޫއެންޖީއޭ [އދ.ގެ ޖެނެރަލް އެސެމްބްލީގެ ނަމޫނާއެއް]. ވަރަށް ކާމިޔާބުކޮށް ބޭއްވުނީ. އެހެންވީމަ ސްކޫލުން އެއް ފަހަރު ސާކް ސަމިޓް، އަނެއް ފަހަރު ޔޫއެންޖީއޭ ބާއްވާނެ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންނަށް މި ސަމިޓުގެ އެންމެ ބޮޑު ކާމިޔާބީއަކީ ސްޓޭޓްމަންޓްތައް ހުށަހަޅަން މައްސަލަތައް ދިރާސާ ކުރުމުގައި ގައުމުތައް ދަސްވުމެވެ. ދަރިވަރުން ކޮށްފައި ހުރި ރިސާޗްތަކަށް ބަލާއިރު ގައުމުތަކުގެ ހުރިހާ މައްސަލަތަކަކަށް އަލި އަޅުވާލާފައިވާ ކަމަށާއި އެކަން މިނިސްޓްރީގެ ބޭފުޅުން ވެސް ފާހަގަ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކުދިން ރިސާޗްކޮށްފައި ހުރި މިންވަރަކީ ފޮރިން މިނިސްޓްރީގެ ބޭފުޅުން ވަޑައިގެން މައުލޫމާތު ދެއްވިއިރު ބައެއް ކުދިން ބުނޭ އަޅުގަނޑު ތި ވީޑީއޯ ބަލައިފީމޭ. އެހާވެސް ދަރިވަރުން ވަނީ މީގެ ތެރެއަށް ވަދެފައި،" ސަލީމް ވިދާޅުވި އެވެ.
"ފޮރިން މިނިސްޓްރީގެ ޑެލިގޭޝަނުން ސްކޫލަށް ދިން ކޮމެންޓަކީ ވަރަށް ރަނގަޅަށް، ވަރަށް ތަރޯއޭ ހުރިހާ ރިސާޗެއް ވެސް. ހުރިހާ ގައުމުތަކަކަށް ވެސް."
ސަލީމް ވިދާޅުވި ގޮތުގައި މި ސަމިޓުގެ ސަބަބުން މި ސަރަހައްދާއި ބައިނަލްއަގުވާމީ ދުނިޔެއަށް ވަރަށް ބޮޑަށް ލޯހުޅުވިފަ އެވެ.
ސަމިޓަށް ދަރިވަރުން ނެގީ އެ ސްކޫލުގެ ގްރޭޑް 7 އިން ގްރޭޑް 10 އަށް ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކުރި ހުރިހާ ދަރިވަރުންގެ މެދުގައި ބޭއްވި އޮޑިޝަނަކުންނެވެ.
އެ ސްކޫލުން މީގެ ކުރިން ޔޫއެންޖީއޭ ބާއްވާފައިވާކަން ފާހަގަ ކުރައްވައި، ސަލީމް ވިދާޅުވީ މި ސަމިޓަށް ކުދިން ތައްޔާރުވާން މަހަކަށްވުރެ ގިނަ ދުވަސް ނެގި ކަމަށެވެ.
ދަރިވަރުންގެ ކުރިއެރުމަށް ނަމޫނާ ސާކް ސަމިޓް ކުރިއަށް އޮތް ތަނުގައި ވެސް އަހްމަދިއްޔާގައި ކުރިއަށް ގެންދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސާކް އުފެދުނީ 1985 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރާއްޖޭގައި ވެސް ސާކް ސަމިޓްތައް ބާއްވާފައިވާ އިރު، އެންމެ ފަހު ސަމިޓް އޮތީ 2011 ގައި އައްޑޫގަ އެވެ. ސާކް ސަމިޓް ނުބާއްވާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ސާކް ސަމިޓް އޮތީ 2014 ގައި ނޭޕާލްގަ އެވެ. އެއީ 18 ވަނަ ސާކް ސަމިޓެވެ.
ސަމިޓް ބާއްވަނީ ސަަރަހައްދީ ހަމަޖެހުމާއި ގައުމުތަކުގެ ކުރިއެރުމަށް މެމްބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް އެކި ކަންކަމުގައި އެއްބާރުލުން ދިނުމަށެވެ.