ދެކުނު ކޮރެއާގެ ރައީސް މަގާމުން ދުރުކުރުމާ ބެހޭ ގޮތުން ޕްރޮފެސަރަކު ބީބީސީއަށް ދިން އިންޓަވިއުއެއް ވަގުތުން ދައްކަނިކޮށް ޕްރޮފެސަރުގެ ތުއްތު ދެ ކުދިން އެންމެން ހެއްވާލައިފި އެވެ.

ދެކުނު ކޮރެއާގެ ޕޫސާން ނެޝަނަލް ޔުނިވަސިޓީގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރެއް ކަމަށްވާ ރޮބަޓް އީ. ކެލީގެ އިންޓަވިއު ދެއްވީ ގޭގައި ހަދާފައިވާ އޭނާގެ އޮފީހުގައި އިންނަވައިގެން ވީޑިއޯ ސްކައިޕް ވީޑިއޯ މެދުވެރިކޮށެވެ. އިންޓަވިއު ފެށިތަނާހެން، ބީބީސީ ބަލަން ތިބި މީހުންނަށް ފެނުނީ ފަހަތުގައި ހުރި ދޮރެއް ހުޅުވާލާފައި ކުޑަ އަންހެން ކުއްޖަކު ނަށަމުން ކަހަލަ ގޮތަކަށް އަންނަނިކޮށެވެ.

އެ ކުއްޖާ އައިސް ޕްރޮފެސަރު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ދެން ފެނުނީ ތުއްތު ކުއްޖަކު ކޮށީގައި އިނދެގެން ފައިން ކޮއްޕަމުން އަންނަ ތަނެވެ.

ފުރަތަމަ ކުއްޖާ ކޮޓަރިއަށް ވަނުމުން ބީބީސީގެ ޕްރެޒެންޓަރު ވަނީ ޕްރޮފެސަރުގެ ދަރިފުޅު ވަދެއްޖެ ކަމަށް ބުނެފަ އެވެ. އެކަމަކު ޕްރޮފެސަރު އޭނާގެ ދަރިފުޅު ކުޑަކޮށް ދުރުކޮށްލުމަށް ފަހު ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވިތަނާ އެންމެ ތުއްތު ކުއްޖާ ވެސް ވަދެގެން އައީ އެވެ. އަދި ދެ ކުދިންގެ ފަހަތުން އެ ކުދިންގެ މަންމަ ދުވެފައި އައިސް ވަދެ ދަމާފައި ކަހަލަ ގޮތަކަށް ދެ ކުދިން ގެންދިޔަ އެވެ.

ޕްރޮފެސަރު ހަމަޖެހިފައި އިންނަވައިގެން، މާފަށް ވެސް އެދިވަޑައިގެން ވާހަކަ ކުރިއަށް ގެންދެވީ މާބޮޑު ކަމެއް ވީކަމަށް ނުހައްދަވަ އެވެ. އެކަމަކު ހިތްހަމަނުޖެހުނު ކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް ހިނިތުންވެ އިންނަވައިގެން، އިންޓަވިއު ނިންމަވާލެއްވި ގޮތުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ތައުރީފުކުރި އެވެ.

މިކަން މިގޮތަށް ވުމުން ބީބީސީން ބޭނުންވީ އެ މަންޒަރުގެ ވީޑިއޯކޮޅު ވަކިން ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމަށެވެ. އަދި ޕްރޮފެސަރުގެ ހުއްދައަށް އެދުމުން އޭނާ ހުއްދަ ދެއްވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް ޗެނަލުން މުޅި ދުނިޔެއަށް ވަގުތުން ފެނުނު މި މަންޒަރާ އެކު އެކަން ބޮޑެތި މީޑިއާތަކުން ޚަބަރެއްގެ ގޮތުގައި ގެނެސްދީ، ޕްރޮފެސަރަށް ސާބަސް ދިނެވެ. ޕްރޮފެސަރުގެ ދަރިން ކުރި ކަމަކުން މި އިންޓަވިއު އެތައް ގުނައެއް ފުރިހަމަވެއްޖެ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.