އިޒްރޭލުގެ އަންހެން ހަތަރު ސިފައިންގެ ބަދަލުގައި ފަލަސްތީނުގެ 200 މީހުން މިނިވަންކޮށްފި
އިޒްރޭލުގެ އަންހެން ހަތަރު ސިފައިންގެ ބަދަލުގައި ފަލަސްތީނުގެ 200 މީހުން މިނިވަންކޮށްފި

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލާއި ހަމާސް ޖަމާއަތުން ހަމަލާތައް ހުއްޓާލަންވި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި މިއަދު ހަމާސް އިން އިޒްރޭލު އަންހެން ސިފައިންގެ ހަތަރު މީހަކު އަދި އެ މީހުންގެ ބަދަލުގައި އިޒްރޭލު ޖަލުތަކުން ފަލަސްތީނުގެ 200 މީހަކު މިނިވަންކޮށްފި އެވެ.

އިޒްރޭލުގެ އަންހެން ހަތަރު ސިފައިންގެ ބަދަލުގައި ފަލަސްތީނުގެ 200 މީހުން މިނިވަންކޮށްފި
އިޒްރޭލުގެ އަންހެން ހަތަރު ސިފައިންގެ ބަދަލުގައި ފަލަސްތީނުގެ 200 މީހުން މިނިވަންކޮށްފި

މިއީ ހަމަލާ ދިނުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ގައިދީން މިނިވަންކުރި ދެ ވަނަ ފަހަރެވެ.

މާސްކު އަޅައި މޫނު ނިވާންކޮށްގެން ހަތިޔާރާ އެކު ތިބި ހަމާސްގެ ހަނގުރާމަވެރިންނާ އެކު ޣައްޒާގެ ސްޓޭޖަކަށް އަރުވައި އެންމެންނަށް ފެންނަ ގޮތަށް މިނިވަންކުރި އިޒްރޭލު މީހުންނަކީ އުމުރުން 20 އަހަރުގެ ކަރީނާ އަރިއެވް، ޑެނިއެލާ ގިލްބޯއާ، ނާމާ ލެވީ އަދި އުމުރުން 20 އަހަރުގެ ލީރީ އަލްބާގް އެވެ. އެ މީހުން ސްޓޭޖަށް އެރުވި އިރު ހިނިތުންވެ ތިބެ އަތުގެ އިޝާރާތުން "ބަރާބަރު" ކަމަށް ބުނަމުން ދިޔަ އެވެ.

އެތަނުން ހަތަރު މީހުން ރެޑް ކްރޮސްއާ ހަވާލުކުރުމާ އެކު މިހާރު ވަނީ އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުން އާއިލާއާ ބައްދަލުކޮށްދީފައި ކަމަށް ވަނީ ބުނެފަ އެވެ.

މި މީހުން މިނިވަންކުރުމާ އެކު، އިޒްރޭލުގެ ޖަލުތަކުން މިނިވަންކުރި ފަލަސްތީނުގެ 200 މީހުންނާ އެކު ބަސްތައް ދަތުރު ފެށި އެވެ. ފަލަސްތީނުން ބުނި ގޮތުގައި މިއަދު 200 މީހަކު އިޒްރޭލުން މިނިވަންކުރި އެވެ.

ފަލަސްތީނުގެ ޕްރިޒަނާސް ކްލަބް އެޑްވޮކަސީ ގްރޫޕުން ބުނީ ދޫކޮށްލަން ޖެހޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ބަންދުގައި، މެދުކެނޑުމެއް ނެތި އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ ފަލަސްތީނު މީހާ ކަމަށްވާ، އުމުރުން 69 އަހަރުގެ މުހައްމަދު އަލް ތޫސް ވެސް ހިމެނޭ ކަމަށެވެ. ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އުފެއްދެވި ފަތަހަ ޖަމާއަތުގެ މެންބަރެއް ކަމަށްވާ މުހައްމަދަކީ 1985 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނަ މީހެކެވެ.

އިޒްރޭލުގެ ޖަލުތަކުން މިނިވަންކުރި ފަލަސްތީނު މީހުން ހުޅަނގު އައްސޭރިއަށް ގެނައުމާ އެކު އެ މީހުންނަށް ވަނީ ބަތަލުންގެ ދަރަޖާގައި މަރުހަބާ ކިޔައި އާންމުން އުފާ ފާޅުކޮށްފަ އެވެ. އަދި ޣައްޒާގައި އިޒްރޭލުގެ ރަހީނުން މިނިވަންކުރި ވަގުތު ވެސް ހަމާސްގެ ހަނގުރާމަވެރިންނަށް ތައުރީފުކޮށް އާންމުން އަޑު އުފުލައި އުފާ ފާޅުކުރަމުން ދިޔަ އެވެ.

އެއްބަސްވުމުގައިވާ ގޮތުން، މިނިވަންކުރާ ފަލަސްތީނު މީހުންގެ ތެރެއިން، މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ޖަލަށް ލާފައިވާ މީހުން ފަލަސްތީނަށް ދޫކޮށްލުމުގެ ބަދަލުގައި ދާންޖެހޭނީ އެހެން ގައުމަކަށެވެ. މިއަދު ދޫކޮށްލި މީހުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ މީހުން ގައުމުން ބޭރަށް ގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އިޒްރޭލާއި ހަމާސް އިން ހަމަލާތައް ހުއްޓާލަން އެއްބަސްވީ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާތާ 470 ދުވަސް ފަހުންނެވެ. އިޒްރޭލަށް ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ދިން ކުއްލި ހަމަލާތަކުގައި ހާހަކަށްވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ އެކުގަ އެވެ. ހަމަލާތައް މެދުކަނޑާލި އިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން ވަނީ 46،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ މުޅި ޣައްޒާ ބިމާ ހަމަވެފަ އެވެ.