އއ. މަތިވެރިން އަތޮޅު ތަށި ދިފާއުކޮށްފި
އއ. މަތިވެރިން އަތޮޅު ތަށި ދިފާއުކޮށްފި

ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ތޮއްޑޫ ބަލިކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އއ. އަތޮޅު ތަށި މަތިވެރި ދިފާއުކޮށްފި އެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗު ލަނޑެއް ނުޖެހި އެއްވަރު ވުމުން ޕެނަލްޓީގައި މަތިވެރި މޮޅުވީ 4-2 އިންނެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ މަތިވެރީގެ އަލީ އަލްސަން އެވެ.

ގައްދޫ ފައިނަލަށް ދަތުރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލްގައި 4-1 އިން މަޑަވެލި ބަލިކޮށްގެންނެވެ. ވާދޫ ވަނީ ދެ ވަނަ ސެމީގައި ނަޝާހު އަހުމަދު (ނައްޓު)ގެ ހަތަރު ގޯލާ އެކު 5-1 އިން ތިނަދޫ ބަލިކޮށްފަ އެވެ.

ގައްދޫ އާއި ވާދޫ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 9 ޖަހާއިރެވެ.

އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން މަހިބަދޫ ވަނީ ރޭ ކުޅުނު ސެމީ ފައިނަލްގައި 3-0 އިން ކުނބުރުދޫ ބަލިކޮށްފަ އެވެ. މަންދޫ މޮޅުވީ ދަނގެއްޗާ ވާދަކޮށް 3-2 އިންނެވެ.

މަހިބަދޫ އާއި މަންދޫ ބައްދަލުކުރާ އދ. އަތޮޅު ފައިނަލް މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ 8 ޖަހާއިރެވެ.

ފޭދޫ ވަނީ ރޭ ކުޅުނު ސެމީގައި 2-1 އިން މީދޫ ބަލިކޮށްފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިތަދޫ ފައިނަލަށް ދަތުރު ކުރީ ސެމީގައި 3-1 އިން މަރަދޫފޭދޫ ބަލިކޮށްފަ އެވެ.

މި އަތޮޅުގެ ފައިނަލްގައި ފޭދޫ އާއި ހިތަދޫ ބައްދަލުކުރާނީ އަންގާރަ ދުވަހުގެ ރޭ 10:30 ގަ އެވެ.

ކ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ގާފަރު ވަނީ ދިއްފުށި ކަޓުވާލައި ގުރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އިން ޖާގަ ހޯދައިފަ އެވެ.

ދެ ޓީމު ރޭ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއާ އެކު ދިއްފުއްޓަށް ހަތަރު ޕޮއިންޓް ލިބުނު އިރު ގާފަރުން ވަނީ ފަސް ޕޮއިންޓް ހޯދައިފަ އެވެ.

މި ގުރޫޕްގެ އެއް ވަނަ ހޯދީ 6-1 އިން ހިންމަފުށި ބަލިކޮށް، ހަތް ޕޮއިންޓް ހަމަކުރި މާފުއްޓެވެ. މާފުށީގެ އަހުމަދު ޝަމާލް ވަނީ މި މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ.

ގުރޫޕް ބީގެ ކާށިދޫ އާއި ގުރައިދޫ އަށް ވެސް ވަނީ ރޭގެ މެޗުތައް ކާމިޔާބު ކޮށްގެން ހަތް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް އެންމެ ގޯލެއްގެ ތަފާތުން އެއް ވަނަ ހޯދީ ކާށިދޫ އެވެ. ގުރައިދޫ އަށް ލިބުނީ ދެ ވަނަ އެވެ.

ގުރައިދޫން ރޭ 4-0 އިން ތުލުސްދޫ ބަލިކުރި އިރު ކާށިދޫ ވަނީ 4-2 އިން ގުޅި ބަލިކޮށްފަ އެވެ.

މިއަތޮޅުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރެވެ. ފުރަތަމަ ސެމީގައި މާފުއްޓާއި ގުރައިދޫ ބައްދަލުކުރާއިރު ދެވަނަ ސެމީގައި ކުޅޭނީ ކާށިދޫ އާއި ގާފަރެވެ.

މުބާރާތުގައި މިއަދު ހަވީރު ށ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނެ އެވެ. އެއަށް ފަހު ނ. އަތޮޅުގެ މެޗެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭ ފ. އަތޮޅާއި ދ. އަތޮޅު އަދި ބ. އަތޮޅުގެ މެޗުތަކަށް ފަހު މ. އަތޮޅުގެ ސެމީ ފައިނަލް ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ.