ނިއުމާ ދިޔައީ ނިލަންދުއަށް!
ނިއުމާ ދިޔައީ ނިލަންދުއަށް!

ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އަންހެން ފިލްމީ ތަރި ނިއުމާ މުހައްމަދު "ހާލުގައި ޖެހިގެން" ދިރިއުޅުން ބަދަލުކުރީ ފ. ނިލަންދު އަށް ކަން އެނގިއްޖެ އެވެ.

ފިލްމީ ދާއިރާގައި ތިރީހަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، ރިޓަޔާ ކޮށްފައިވާ ނިއުމާ އޭނާގެ ފޭސްބުކްގައި މީގެ ދުވަސްކޮޅެއް ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ހަޔާތުގައި ދިމާވި އެންމެ ނިކަމެތި ދުވަސްތައް ތަހައްމަލުކުރުމަށް ފަހު، މުޅި ދިރިއުޅުން ބިނާކޮށްފައި އޮތް މާލެ ދޫކޮށް ދާންޖެހުނީ ކަމަށެވެ.

ނަމަވެސް، އޭނާ ދިރިއުޅުން ބަދަލުކުރީ ކޮން ތަނަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ނިއުމާ އޭނާގެ އަންހެން ދަރިފުޅާ އެކު ދިރިއުޅުން ބަދަލުކުރީ ނިލަންދޫ އަށެވެ.

ނިއުމާ ވަނީ އޭނާ މާލެ ދޫކޮށް ހިނގައްޖެ ކަމަށް ބުނާ ހަބަރު ޝެއާކޮށް "މަ ހާލުގައި ޖެހިގެން ބަދަލުވީ މާލޭން ހުޅުމާލެއަށް. އޯކޭ" އޭ ބުނެ ޕޯސްޓެއް ކޮށްފަ އެވެ.

ނިލަންދު އަށް ބަދަލުވީ ނިއުމާގެ ކޮއްކޮ އެ ރަށުގައި އުޅޭތީ އެވެ. އަދި ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް ނިއުމާގެ ދަރިފުޅު މިހާރު ވައްދާފައިވާ ކަން ވެސް އެނގިފައިވެ އެވެ.

މި ވަގުތު ނިއުމާ ނިލަންދޫގައި ނެތް ކަމަށް ވެ އެވެ.

"ވަރަށް ފަހުން މި ރަށުގައި އުޅެފައި ނިއުމާ އެ ދިޔައީ. ވަރަށް އަވަހަށް އަދި އަންނާނެ،" ނިލަންދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނިއުމާ ބުނީ އޭނާ ހާލުގައި ޖެހުނު ދުވަހު އަތުގައި ހިފައި، މަގު ދައްކައިދިނީ އޭނާގެ ކޮއްކޮގެ ދެމަފިރިންނާއި އާއިލާގެ މަދު ބައެއް ކަމަށެވެ. އަދި ހާލު ބަލައި، އެހީގެ އަތެއް ދިއްކޮށްލީ ވެސް މަދު ރައްޓެއްސަކު ކަމަށް ލިޔެފައިވެ އެވެ.

ކުރިން ތިން ކައިވެންޏެއް ކޮށްފައިވާ ނިއުމާ އެ ދަރިފުޅު ބަލަނީ އެކަނިމާއެކަނި، މާބޮޑު އެހީތެރިކަމެއް ނުލިބިކަން އޭނާގެ ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން ދޭހަވެ އެވެ.

"މުޅިން އާ ތާކަށް ދިރިއުޅުން ބަދަލުކޮށްލީ ހަމައެކަނި މަގޭ ފުރާނަ ފަދަ ލޯބިވާ ދަރިފުޅަށްޓަކަ އެވެ،" އެއީ ކޮން ތަނެއްކަން ހާމަނުކޮށް ނިއުމާ ބުންޏެވެ.

ނިއުމާ ކުޅެފައިވާ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ފަތިސް ހަނދުވަރު" އާއި "ގިނި ހިލަ" "ކަލާޔާނުލާ" ހިމެނެ އެވެ. "ދަރިންނަށްޓަކައި" އާއި "ޔޫސުފް" ފަދަ މަޝްހޫރު އެތައް ފިލްމެއް އޭނާ ކުޅުނެވެ.