24 ޖެނުއަރީ 2025 - 23:24

ޣައްޒާގެ މައި މިސްކިތް އަދި އެތަނުގެ އެންމެ ދުވަސްވީ މިސްކިތް ކަމަށްވާ މަސްޖިދުލް އުމަރީގައި މިއަދު 16 މަސް ދުވަސް ފަހުން ޖަމާއަތުގައި ހުކުރު ނަމާދުކޮށްފި އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް މިވަގުތު މެދުކަނޑާލާފައި ވާއިރު އުމަރީ މިސްކިތް ވަނީ އިޒްރޭލުން ބޮން އަޅައި ވަރަށް ބޮޑަށް ހަލާކުކޮށްލައިފަ އެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން ހަމަލާތައް މެދުކަނޑާލައި އެއްބަޔަކު އަނެއް ބައެއްގެ ގައިދީން މިނިވަންކުރަމުން ގެންދާއިރު މިއަދުގެ ހުކުރު ނަމާދު ވެގެން ދިޔައީ ޣައްޒާއަށް ހަމަނޭވާ ލާން ލިބުނު މި ވަގުތު އެތައް ހާސް ބަޔަކު އެއްތަންވި އުފާވެރި ވަގުތުކޮޅަކަށެވެ.
އިސްލާމީ ތާރީހާ އެތައް ގޮތަށް ގުޅިފައިވާ، ހަތް ވަނަ ގަރުނާ ހިސާބުން ތާރީހު ފެށިފައިވާ މި ހާއްސަ ބިނާ އިޒްރޭލުގެ ހަމަލާތަކުގައި ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފަ އެވެ.
ހަމަލާތައް ކުރިއަށް ދިޔައިރު، އާންމުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތުމުން މިސްކިތް ހުރީ ބަންދުކޮށްފަ އެވެ.
މިއަދު އެތަނުގައި ކުރި ހުކުރު ނަމާދުގައި އާންމުންނާ އެކު ފަލަސްތީނުގެ މުޖާހިދުން ވެސް ވަނީ ބައިވެރިވެފަ އެވެ.
އިޒްރޭލުން މިފަހަރު ޣައްޒާއަށް ހަމަލާދިން އިރު އުމަރީ މިސްކިތަށް ހަމަލާދީ ސުންނާފަތިކޮށްލި ނަމަވެސް މިސްކިތުގެ މުންނާރަށް މާބޮޑު ގެއްލުމެއް ނުވެ ސަލާމަތުން ހުއްޓެވެ. މިއީ ފަލަސްތީނުގައި ހިނގި އެކި ހަމަނުޖެހުންތަކުގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ގެއްލުން ދީފައިވާ ތަނެކެވެ. އަދި 1033 ވަނަ އަހަރު ބިންހެލުމެއްގައި ވެސް ވަރަށް ބޮޑަށް ގެއްލުންވި އެވެ. އަދި 1149 ވަނަ އަހަރު ނަސާރާއިން އެތަން ހިފައި ބޮޑު ފައްޅިއެއް ބިނާކުރި އެވެ. އެކަމަކު އޭގެ ފަހުން 1187 ވަނަ އަހަރު އައްޔޫބީން އެތަން ހަލާކުކޮށްލުމުން 13 ވަނަ ގަރުނުގެ ކުރީކޮޅު މަމްލޫކުން މިސްކިތެއްގެ ގޮތުގައި އަލުން ބިނާކުރި އެވެ.