24 ޖެނުއަރީ 2025 - 22:32

އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުން އާންމުވަމުން ދާތީ އެ ސަރަހައްދުތައް މޮނިޓާކުރަން މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ނުކުންނަށް ފަށައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަހަތު ގެއްލޭ ކަންކަން ހިންގަމުންދާތީ" އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އެތަންތަން މޮނިޓާކުރަން ފަށާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް، އެ ތަންތަން މޮނިޓާކުރުން ސިލްސިލާކޮށް ކުރިއަށް ގެންދާނެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ފާހަގަކުރެވޭ ނަަމަ މި އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކްފޯހުން އެ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
މިދިޔަ ދެ ހުކުރުގައި ވެސް މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއް މާރާމާރީ ހިންގާފައިވެ އެވެ.
މިދިޔަ ހުކުރުގައި ތިން ބިދޭސީއަކު މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރިއިރު އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.