24 ޖެނުއަރީ 2025 - 22:00

ގެއެއްގެ ފަސް ވަނަ ބުރީގެ އެޕާޓްމަންޓަކުން ކުޑަކުއްޖަކު ކުޑަދޮރުން ފައިބަން އުޅެނިކޮށް އެ ކުއްޖާ ސަލާމަތްކުރާތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ވީޑިއޯގައި ފެންނަނީ، ހެންވޭރު ބުރެވިމަގުގައި ހުރި އެ ގޭގެ ކުޑަދޮރަކުން ކުއްޖަކު ފައިބަން މަސައްކަތް ކުރާ މަންޒަރެވެ. ސީދާ މަގަށް ހުރި އެ ދޮރާ ދިމާލުން ބެލްކަންޏެއް ވެސް ނެތެވެ.
ގާތްގަނޑަކަށް 50 ސިކުންތުގެ އެ ވީޑިއޯގައި ފެންނަ ގޮތުގައި ކުޑަކުޑަ ކުއްޖަކު ކުޑަދޮރުމައްޗަށް އަރައި ބޭރަށް ދެ ފައި ތިރިކޮށް ފައިބަން އުޅެ އެވެ. އަދި އަނެއްކާ މައްޗަށް އަރައި ކުޑަދޮރުމަތީ، ބޭރަށް ދެ ފައި ބާލައިގެން އިށީނދެގެން ވެސް އިނދެ އެވެ.
އޭރު މަގުމަތީގައި ތިބި މީހުން އެ ކުއްޖާއަށް ގޮވައި، އެތެރެއަށް ވަންނަން ގޮވާ އަޑު އިވެ އެވެ.
ކުޑަދޮރުން ބޭރަށް ދެފައި ލައިގެން އިންދާ ކުއްޖާ ސަލާމަތްކުރީ ގޭތެރެއިން މީހަކު އެ ކުއްޖާ ކުއްލިއަކަށް އެތެރެއަށް ދަމައިގަނެގެންނެވެ. އެއީ އެ ގޭ މީހަކު ކަމެއް ނުވަތަ މަންޒަރު ފެނިގެން އެ ގެޔަށް ވަން މީހެއް ކަމެއް ނޭނގެ އެވެ.
ފުލުހުން ބުނީ މި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
މި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
"މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާ އާއި ކުއްޖާގެ އާއިލާ، އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނެކަމެވެ. އާއިލާގެ އިތުރުން، މިކަމުގެ ސަބަބުން މި ވީޑިއޯ ފެންނަ ކޮންމެ މީހަކަށް ވެސް ނަފްސާނީގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ވަލްނެރަބްލް މީހުން، ޓްރިގަރ ވެ، އެމީހުން ނުރައްކަލަކަށް ހުށަހެޅިދާނެކަމަށް އަޅުގަނޑުމެން ދެކެމެވެ." ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މައުލޫމާތެއް ވާ ނަމަ، ފުލުހުންނަށް ގުޅަން ވެސް ވަނީ އެދިފަ އެވެ.