24 ޖެނުއަރީ 2025 - 10:35

ސެމީ ފައިނަލްގައި ރ. އަލިފުށި 4-1 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރު މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރ. އަތޮޅު ފައިނަލަށް ދަތުރުކޮށްފި އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވާދަ ކޮށްފައި ވަނީ ވެސް އަލިފުއްޓާއި ދުވާފަރެވެ. މިއަހަރުގެ ފައިނަލްގައި ދުވާފަރާ ދެކޮޅަށް ނުކުންނާނީ މިރޭ 3-0 އިން މަޑުއްވަރި ބަލިކުރި އިނގުރައިދޫ އެވެ.
ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރާ ރ. އަތޮޅުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9 ޖަހާއިރެވެ.
ގއ. އަތޮޅު ސެމީގައި ރޭ ވިލިނގިލި ވަނީ 3-0 އިން ދާންދޫ ބަލިކޮށްފަ އެވެ. އަދި ދެ ވަނަ ސެމީގައި ދެއްވަދޫ ވަނީ 5-1 އިން ނިލަންދޫ ބަލިކޮށްފަ އެވެ.
މިއީ ދެއްވަދޫ، އަތޮޅު ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ވިލިނގިއްޔާއި ދެއްވަދޫ ބައްދަލުކުރާ ގއ. އަތޮޅު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރޭ 8 ޖަހާއިރެވެ.
މި އަތޮޅުގެ ފައިނަލްގައި މިދިޔަ އަހަރު ވާދަކުރި ޗެމްޕިއަން ކަނޑުހުޅުދޫ އާއި ރަނަރަޕް ގެމަނަފުށި ވަނީ މިއަހަރުގެ އަތޮޅު ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ގެމަނަފުށީން ކަނޑުހުޅުދޫ ބަލިކުރި ނަމަވެސް ކަނޑުހުޅުދޫ ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ޅ. އަތޮޅުގެ ގުރޫޕް ސްޓޭޖުގައި މިރޭ ނައިފަރު 2-1 އިން އޮޅުވެލިފުށި ބަލިކޮށްފައި ވާއިރު، ކުރެންދޫ ވަނީ 4-0 އިން ހިންނަވަރު ބަލިކޮށްފަ އެވެ.
މިއީ ނައިފަރާއި ކުރެންދޫ ވެސް މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. ހަތަރު ޓީމު ވާދަކުރާ މި އަތޮޅުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.
މިރޭގެ މެޗުތަކާ އެކު ކުރެންދޫ އާއި ނައިފަރަށް ވެސް ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި އޮޅުވެލިފުއްޓާއި ހިންނަވަރަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ފަހު މެޗުގައި އާދިއްތަ ދުވަހުގެ ރޭ 9 ޖަހާއިރު ކުރެންދުއާއި ނައިފަރު ބައްދަލުކުރާއިރު، ހިންނަވަރާއި އޮޅުވެލިފުށި ވެސް ބައްދަލުކުރާނެ އެވެ.
ތިން ޓީމު ވާދަކުރި ވ. އަތޮޅުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ފެލިދޫ ވަނީ 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ކެޔޮދޫ ބަލިކޮށް، ގުރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ.
ފެލިދޫ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރި އިރު، ކެޔޮދޫ ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި ފުލިދޫ ބަލިކޮށް ތިން ޕޮއިންޓް ހޯދައިފަ އެވެ.
ފެލިދޫ އާއި ކެޔޮދޫ ބައްދަލުކުރާ ވ. އަތޮޅު ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހުގެ ރޭ 8 ޖަހާއިރެވެ.
މިއަދު ހަވީރު ގދ. އަތޮޅުގެ ދެމީ ފައިނަލް ދެ މެޗުގެ އިތުރުން އއ. އަތޮޅު ފައިނަލް މެޗު ވެސް ކުޅޭނެ އެވެ. މިރޭ ކުޅޭނީ ކ. އަތޮޅު ބުރުގެ މެޗުތަކުގެ އިތުރުން އދ. އަތޮޅާއި ސ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކެވެ.