އެވިޑް ކޮލެޖުން ޓީޗިން މާސްޓާސް ދެ ކޯހެއް ތައާރަފްކޮށްފި
އެވިޑް ކޮލެޖުން ޓީޗިން މާސްޓާސް ދެ ކޯހެއް ތައާރަފްކޮށްފި

ޓީޗިން މާސްޓާޒް ފެންވަރުގެ ދެ ކޯހެއް އެވިޑުން ރޭ ތައާރަފްކޮށްފި އެވެ.

ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕްރައިމަރީ ޓީޗިން އަދި ސެކަންޑަރީ ޓީޗިންގެ ދެ ކޯސް ތައާރަފްކޮށްދެއްވީ އެޑިއުކޭޝަން މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ.

މިއީ އެއް އަހަރާއި ހަތަރު މަހަށް ކުރިއަށް ގެންދާ ދެ ޕްރޮގްރާމެކެވެ.

އެ ކޮލެޖުގެ ހިއުމަން ރިސޯސް އޮފިސަރު އައިޝަތު ހަމީޒު ވިދާޅުވީ، މި ދެ ކޯހަށް ވެސް އަންނަ މޭ މަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. ކޯސް ހިންގަން ނިންމާފައިވަނީ ޓީޗަރުންނަށް ފަސޭހަވާނެ ވަގުތުތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިގްރީ ފެންވަރުގެ ގިނަ ޓީޗަރުންނަކީ ވަޒީފާގައި އުޅޭ މީހުން. އެހެންވެ ޓީޗަރުންނަށް ފްލެކްސިބްލް ޓައިމްގައި މި ކޯސްތައް ހިންގަން ރާވާފައި މި އޮތީ،" އައިޝަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯސް ފީ ދެއްކުމުގައި ވެސް ފަސޭހަތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ.

އެވިޑް ކޮލެޖުގައި މިހާރު ވެސް މާސްޓާސް ފެންވަރުގެ ތިން ކޯހެއް ހިންގަ އެވެ. އަދި ހަފުތާއެއްގެ ތެރޭގައި މެލޭޝިއާގެ ޕީއެޗްޑީ ޕްރޮގްރާމެއް ފަށަން ވަނީ ނިންމައިފަ އެވެ.